
އިންތިހާބުތަކާ ބެހޭ މަރުކަޒު، އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް، ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލު އައްޔަންކުރަން، ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މި ނިންމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ޝަކީލް އައްޔަންކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 7 މެންބަރުން އެކަންޏެވެ.
އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެންނަ ބޭފުޅެއްގެ ގޮތުގައި، ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައިވެސް ހުރި މުހައްމަދު ޝަކީލްގެ ނަން މަޖިލީހަށް ފޮނުއްވީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ވަނީ ޝަކީލަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައި ހޯމަ ދުވަހު މަޖިލިސް ތަޅުމަށް ރިޕޯޓް ހުށަހަޅާފައެވެ.
މަސްލަހަތު ފުށު އަރާނެ މަގާމެއްގައި ހުރި މީހެއްގެ ނަން، ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އިލެކްޝަނަށް ކޮމިޝަނަށް އައްޔަންކުރަން ހުަހެޅުމުގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒަހިދު (ޒާހިދު) އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި އެ މަގާމަށް ޝަކީލު އައްޔަންކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް މަގު ފަހިކުރުމަށް ކަމަށް މި ނޫހަށް މައުލޫމާތު ދިން ޕީއެންސީގެ މަސްދަރަކުން ބުނެފައިވެއެވެ.
ނަން ހާމަނުކުރުމަށް އެދި މައުލުމާތު ދިން ފަރާތުން ބުނެފައިވަނީ، ޝަކީލުއަށް ދުވަސްކޮޅެއް ކުރިން ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާދޭން ރައީސް މުއިއްޒު އެންގެވި ކަމަށާ ނަމަވެސް އޭރު ހައްޖު މޫސުމަށްވެފައި، ޝަކީލުވެސް ހައްޖަށް ދިއުމަށް ވިސާ ނަގާ ދަތުރު ހަމޖެހިފައި އޮތުމުން ހައްޖުން އެނބުރި އައިސް އިސްތިއުފާދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އީސީއަށް ޝަކީލު އައްޔަންކުރަނީ، ރައީސް މުއިއްޒު ބޭނުންވާ ގޮތަށް އީސީ ތެރެއަށް ނުފޫޒު ފޯރުވާ ކަންކަން ބައްޓަން ކުރަން ކަމަށާ އަދި އޭގެ އިތުރުން 2028 ރައީސް މުއިއްޒަށް އިންތިހާބުން ކާމިޔާބު ނުވާނެކަން ޔަގީންވާތީ ވޯޓުން ވައްކަން ކުރުމަކީ ވެސް މީގެ ފަހަތުގައި އޮވެދާނެ މަގްސަދެއް ކަމަށް ވެސް އެ މީހާ ވަނީ ބުނެފައެވެ.
ކޮމިޝަންގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުން ދިޔުމަކީ ޒާހިދު މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވި މައިގަނޑު ސަބަބުކަމަށްވާއިރު، މިއީ މިހާރު މިނިވަންކަމާއެކު ފަންކްޝަން ކުރާ ހަމައެކަނި މިނިވަން މުއައްސަސާ ރައީސް މުއިއްޒު މުށު ތެރެއަށް ދަމައިގަތުމަށް ހުޅުވޭނެ ދޮރެއް ކަމަށް ވެދާނެއެވެ.










