
ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއު.އެމް.އޯ) އިން، 'އެލް ނީނޯ' ގެ އަސަރު ގަދަވަމުންދާތީ ކުރިއަށް އޮތް ތަނުގައި ނުރައްކާތެރި މޫސުމީ ހާދިސާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.
ޖެނީވާގައި މައި އޮފީސް ހުންނަ ޑަބްލިއު.އެމް.އޯ އިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމާއި، ހަނަފަސްކަމާއި، އަދި ބޯކޮށް ވާރޭވެހުން ފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މި މޫސުމީ ބަދަލުތައް ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ވަރަށް ބާރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އާންމުކޮށް މި ހާދިސާގެ އެންމެ ބޮޑު އަސަރެއް ފެންނަނީ ނޮވެމްބަރު މަހާއި ފެބްރުއަރީ މަހާ ދެމެދުގައެވެ.
އެލް ނީނޯއަކީ ޕެސިފިކް ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ، ދުނިޔޭގެ ވައިގެ މިސްރާބާއި ޕްރެޝަރަށް ބަދަލުތައް ގެންނަ ގުދުރަތީ ކަމެކެވެ. ކޮންމެ ދެ އަހަރުން ނުވަތަ ހަތް އަހަރުން އެއްފަހަރު ދިމާވާ މި ހާދިސާ އާންމުކޮށް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. ފާއިތުވި އަހަރުތަކުގައި މިކަމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ވަނީ ރެކޯޑު މިންވަރަކަށް މަތިވެފައެވެ.
މި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، އދ. އިން ވަނީ ދުނިޔޭގެ ހުރިހާ ސަރުކާރުތަކަށާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކަށް ތައްޔާރުވުމަށް ގޮވާލާފައެވެ. މިގޮތުން މޫސުމީ މައުލޫމާތު ހިއްސާކުރުމާއި ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ވަނީ ހަރަކާތްތެރިކޮށްފައެވެ.
ޑަބްލިއު.އެމް.އޯގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓޭ ސައުލޯ ވިދާޅުވީ، މިފަދަ ފިޔަވަޅުތަކަކީ އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، އިގްތިސާދަށާއި މުޖުތަމައުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކޮންމެހެން މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.










