July 3, 2026
Advertisement
-
-

ޔަމާލް ހުއްޓުވައިގެން ސްޕެއިން ބަލިކުރަން އޮސްޓްރިއާ ތައްޔާރު

Aiminath Sarah
އައިމިނަތް ސާރާ
Jul 2, 2026, 11:35 PM
މާލެ ސިޓީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި  ސްޕެއިންއާ ދެކޮޅަށް ނުކުތުމުގެ ކުރިން، އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ވަނީ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ހުއްޓުވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

Advertisement

އުމުރުން އެންމެ 18 އަހަރުގެ ޔަމާލްއަކީ މިދިޔަ އެޕްރީލް މަހު ކުރިމަތިވި ހޭމްސްޓްރިންގް އަނިޔާއަކަށްފަހު، ސްޕެއިން އިން ވަރަށް ބަލައިގެން ބޭނުންކުރަމުން އަންނަ ކުޅުންތެރިއެކެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި އޭނާ ކުޅެފައިވަނީ އެންމެ 141 މިނެޓު ނަމަވެސް، އޭނާ ވަނީ މި މުބާރާތުގައި ލަނޑެއް ޖަހައި އޭނާގެ ހުނަރުވެރިކަން ދުނިޔެއަށް ދައްކާލާފައެވެ.

"ލަމީން ޔަމާލްއަކީ އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް. ކުރިއަށް އޮތް 12 ނުވަތަ 14 އަހަރު، ފަހަރެއްގައި އެއަށްވުރެ ގިނަ ދުވަހުވެސް އޭނާ ފެންނާނެ،" ބާސެލޯނާގެ މި ތަރިއާ ބެހޭގޮތުން ރަންގްނިކް ބުންޏެވެ. އޭނާ އިތުރަށް ހާމަކުރި ގޮތުގައި މާދަމާގެ މެޗުގެ މައިގަނޑު ރޭވުމަކީ ޔަމާލްގެ ޑްރިބްލިންގް އާއި އުފެއްދުންތެރި ކުޅުން ހުއްޓުވުމެވެ. ޔަމާލްއަށް ބޯޅަ ލިބޭ މިންވަރު މަދުކޮށް، އޭނާއަށް ހުސް ޖާގަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ކޯޗު ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ސްޕެއިންއަށްވުރެ ގިނައިން ލަނޑު ޖަހާފައިވާ އޮސްޓްރިއާ މެޗަށް ނުކުންނަނީ ބޮޑު އިތުބާރަކާއެކުގައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބަލިނުވެ އޮތް ސްޕެއިންއާ ދެކޮޅަށް އެންމެ މަތީ ފެންވަރުގެ ކުޅުމެއް ދައްކަންޖެހޭނެ ކަމަށް ރަންގްނިކް ގަބޫލުކުރެއެވެ.

އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ބުނީ، ސްޕެއިންގެ ކުޅުންތެރިންގެ ފެންވަރު ދަންނަ ކަމަށާއި، ނަމަވެސް އޮސްޓްރިއާ އޮތީ ފަސްޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ޓީމުން ބޭނުންވަނީ ކުރިއަށް ޖެހިގެން ކުޅެ ކާމިޔާބީ ހޯދަން ކަމަށްވެސް އޭނާ ބުންޏެވެ.

އަނިޔާގެ ސަބަބުން ޑިފެންޑަރު ފިލިޕް މުވީންއަށް މި މެޗުގައި ނުކުޅެވުނު ނަމަވެސް، ސްޕެއިން ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނަން އޮސްޓްރިއާ އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިރޭގެ މެޗަކީ ޔަމާލް ފަދަ ޒުވާން ހުނަރުވެރިންގެ ކުޅުން ބަލާލަން ދުނިޔޭގެ ފުޓްބޯޅަ އާއިލާއަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved