ވިއްސާރައިގައި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ގެއްލުމާ ގުޅިގެން ޕާކިސްތާނުން ހިތާމަ ފާޅުކޮށް ހަމްދަރުދީ ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ ފަރާތުން ހަމްދަރުދީގެ މެސެޖެއް ފޮނުވާފައިވަނީ ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް މުހައްމަދު ފައްޔާޒު ގިލާނީއެވެ.
އެ ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު 8:15 ގައި ޕާކިސްތާން އެމްބަސީގައެވެ.
ޕާކިސްތާނުގެ މިނިވަންދުވަސް ކޮންމެ އަހަރަކުވެސް ޕާކިސްތާން އެމްބަސީއިން ކުލަގަދަކޮށް ފާހަގަކުރެއެވެ.
އެގޮތުން މިއަހަރުގެ އެގައުމުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވާދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރުއެވެ.
ސަފީރުގެ ވާހަކަފުޅު ޕާކިސްތާނަށް މިނިވަންކަން ހޯދައިދޭން އެގައުމުގެ ބަތަލުންވީ ގުރުބާނީގެ ހަނދާން އައު ކޮށްފައިވެއެވެ. އަދި އިންޑިއާއިން ޖައްމު އާ ކަޝްމީރުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރިމާއާ ފަަލަސްތީނުގައި ހިންގަމުން ދާ ލާއިންސާ ކަންކަން ކުށްވެރިކޮށްފައިވެއެވެ.
މީގެ އިތުރުން މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބިފައިވަތީ ހަމްދަރުދީ ފާޅުކޮށް އެ ގެއްލުންތައް ލިބުނު ފަރާތްތަކަށް އަވަސް ހައްލެއް އެކަންކަމަށް ލިބިގެން ދިއުމަށް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ރާއްޖެއިން ޕާކިސްތާނާ މެދު ބަހައްޓާ ގާތްގުޅުން ފާހަގަކޯށް އެކަމަށް ސަފީރު ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ރާއްޖެ-ޕާކިސްތާނު ގުޅުން އިތުރަށް ވަރުގަދަކޮށް ދެ ގައުމުގެ ދޭތެރޭގައި ބަދަހިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ސަފީރު ވަނީ ހާމަކުރައްވާފައެވެ.