ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދުވަހުން ދުވަހަށް ގޯސްވެ، އަރައިގަނެވޭނެ މަގުތައް ބަންދުވާތީ މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޓީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދު ބަނގުރޫޓު ވަމުންދާކަމުގެ ހުރިހާ އަލާމާތެއް މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.ނަމަވެސް އެ ހުރިހާ އިންޒާރުތަކަށް ސަރުކާރުގެ އިސްވެރިން ތިބީ ދެލޯ މަރާލައިގެން ކަމަށެވެ.
ރާއްޖޭގެ މިއަދުގެ ހާލަތަކީ ގައުމުގެ ދަރަނި އިގްތިސާދީ ރަތް ރޮނގު ހުރަސްކޮށްފައިވުން ކަމަށާއި ބަޖެޓް ސަޕޯޓަށް ފައިސާ ލިބޭތޯ ކޮންމެ ދުވަހަކު ވެސް މި ވަނީ އެހެން ގައުމުތަކުގައި ސަލާން ޖަހަން ޖެހިފައި ކަމަށް އެމްޓީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮންމެ މަހެއް ވެސް ނިމިގެން މިދަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވިދާނެތޯ ހިތާހިތާ ސުވާލުކޮށްލަން ޖެހޭ ހާލަތުގައި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
އެމްޓީއޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ރައްޔިތުން ހާލުގައި ޖެހި އިގްތިސާދީ ބޮޑު ކާރިސާއެއްގެ ވިލާގަނޑު ބޯމަތިވެފައިވީ ނަމަވެސް، ސަރުކާރުން މި ހާލަތު ސިއްރުކޮށް ގައުމުގެ ހާލަތު ހާލަތު ހޭރިޔާ ކޮށްފައި ހުރީ އެންމެ ރަނގަޅު މިސްރާބަށް ކަމަށް ދައްކާތީ ކަންބޮޑުވާ ކަމަށެވެ.
ހާލަތު ސިއްރުކޮށް ރައްޔިތުންނަށް ހުވަފެން ދައްކަމުން ދިޔުމަކީ ގައުމުގެ އިގްތިސާދީ ސިޔާސަތު ރޭވުމުގެ ޒިންމާ ރައްޔިތުން ހަވާލުކޮށްފައި ތިބި އިސް ފަރާތްތަކުން ރައްޔިތުންނަށްވާ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް ބުނެ އެމްޓީއޭ އިން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކޮށް ގައުމަށް ކުރިމަތިވަމުންދާ އިގްތިސާދީ ކާރިސާއިން އަރައިގަނެވޭނެ މަގުފަހިކޮށް އިގްތިސާދު އަލުން ހަމަ މަގަށް އަޅުވަން ސަރުކާރުން ކަމާ ގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކާއި ސިޔާސީ ހުރިހާ ފިކުރާއެކީ ވެސް މަޝްވަރާގެ މޭޒަށް އައުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
🛑 ނޫސް ބަޔާން:
— Maldives Trade Association (@MTASecretariat) September 12, 2024
⚡ރާއްޖޭގެ އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި, އިސްލާހީ ފިވަޔަޅު ނާޅައިފި ގައުމު ބަގުރޫޓު ވެދާނެ! 📝👇 pic.twitter.com/Io0HBMpPio