ސަހްޔޫނީން ގާޒާގައި ހިންގަމުން އެދަނީ ބޮޑު ގަތުލުއާންމެއް: ސައޫދީ ސަމިޓް / އަލްއަރަބިއްޔާ
ދުނިޔެ
ސަހްޔޫނީން ގާޒާގައި ހިންގަމުން އެދަނީ ބޮޑު ގަތުލުއާންމެއް: ސައޫދީ ސަމިޓް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
13 ނޮވެމްބަރު 2024
މާލެ ސިޓީ

ސަހްޔޫނީން ފަލަސްތީނުގައި ހިންގަމުން ދަނީ ގަތުލުއާންމެއް ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށް އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިސްވެރިން ހޯމަދުވަހު ސަައޫދީ އަރަބިއާގެ ރިޔާޒުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ސައުދީގެ ވެރިރަށް ރިޔާޟްގައި ބޭއްވި ސަމިޓްގައި އަރަބި ލީގާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ 57 ގައުމުން ސަހްޔޫނީންގެ އަނިޔާވެރިކަން ކުށްވެރިކޮށް މިހެން ބުނެފައި ވާއިރު މިއީ ޣައްޒާގައި ސަހްޔޫނީން ހަމަލާދޭން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެކަމުގައި މި ގައުމުތަކުން އެއްތަންވެ މިހާ ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ސަމިޓް ނިންމާލަމުން މި ގައުމުތަކުން ވަނީ ފަލަސްތީނުގެ ގާޒާގައި ސަހްޔޫނީން ހިންގަމުން ދަނީ "ހައިރާންކުރުވަނިވި" ޖަރީމާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސައުދީ އަރަބިއްޔާ، ޖޯޑަން، މިޞްރު، ގަޠަރު، ތުރުކީ، އިންޑޮނޭޝިއާ، ނައިޖީރިއާ، އަދި ފަލަސްތީނުގެ ފޮރިން މިނިސްޓަރުންނާއި، އަރަބި ލީގު އަދި އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް މަސައްކަތް ކުރައްވަނީ ގާޒާ ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވައި، ދެމެހެއްޓެނިވި އަދި ފުރިހަމަ ސުލްހައެއް ގާއިމްކުރުމަށެވެ.

ތައްޔާރީ ބައްދަލުވުމުގެ އަރިމަތީގައި، ޕްރިންސް ފައިސަލް ވަނީ ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާއާ ބައްދަލުކުރައްވައި، ގާޒާގެ އެންމެ ފަހުގެ ހާލަތާއި އެކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ސަމިޓްގައި ވާހަކަ ދައްކަވަމުން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އިޒްރޭލުން މިހާރު ލުބްނާނާއި އިރާނަށް ވެސް ދެމުންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި، އެ ގައުމުގެ އެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސަލްމާން އިތުރަށް ވިދާޅުވީ، އީރާނުގެ ނައިބު ރައީސް ރިޔާޒުގައި ހުންނަވާއިރު ދެ ގައުމުގެ ގުޅުންތައް ފުޅާކުރުމުގެ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އޭނާ އަލުން އީރާނުގެ ރައީސް ސައުދީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވައި، ވީ އެންމެ އަވަހަކަށް މިކަމަށް މަގު ތަނަވަސްވާނެކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.

ސަމިޓްގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާބް އަލް ސައުދު ވިދާޅުވީ ދުނިޔެ އަށް މި ވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ ސަހްޔޫނީން ހުއްޓުވަން ބައިނަލްއަގުވާމީ ދުނިޔެ ނުކުޅެދިފައި އޮތުން ކަމަށެވެ.

ސަމިޓް ނިންމުމުގެ ބަޔާނުގައި ބުނެފައި ވަނީ "މި ސަރަހައްދުގައި އިންސާފުވެރި އަދި މައުނަވީ ސުލްހައެއް... ސަހްޔޫނީން ހިފާފައިވާ އަރަބި ހުރިހާ ބިމަކުން، ޖޫން 4، 1967 ގައި އޮތް އިމާ ހަމަޔަށް ފަހަތަށް ޖެހިގެން ނޫނީ ހާސިލެއް ނުކުރެވޭނެ" ކަމަށެވެ.

ސަހްޔޫނީން ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 43600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ. މީގެ ތެރެއިން 80 ޕަސެންޓަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved