
ޕާކިސްތާނުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދައްކަންޖެހޭ ދެ ބިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް ދައްކާ ހަލާސްކޮށްފިއެވެ. މި ފައިސާއަކީ ޕާކިސްތާނުން %6 ގެ އިންޓަރެސްޓް ރޭޓެއްގައި ދައްކަމުން ދިޔަ ޑިޕޮސިޓެކެވެ.
ޕާކިސްތާނުގެ ސްޓޭޓް ބޭންކުން ބުނި ގޮތުގައި، ޔޫއޭއީން މި ފައިސާ ކުއްލި ގޮތަކަށް އަނބުރާ ހޯދުމަށް އެދިފައިވަނީ ސަރަހައްދީ ގޮތުން ފިތުނަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޔޫއޭއީން މި ފައިސާ އަނބުރާ ހޯދަން އެދިފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގައެވެ.
ޔޫއޭއީއަށް ދައްކަންޖެހޭ މި ބޮޑު ދަރަނި އަދާކުރުމުގައި ސައުދީ އަރަބިއްޔާއިން ވަނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމުގެ ނަމޫނާ ދައްކުވައިދީފައެވެ. ޕާކިސްތާނުގެ މާލީ ހާލަތު ދެމެހެއްޓުމަށްޓަކައި ސައުދީ ސަރުކާރުން ވަނީ ދެ ބިލިއަން ޑޮލަރު ޕާކިސްތާނުގެ ރިޒާވަށް ފޮނުވައިދީފައެވެ. މި އެހީގެ ސަބަބުން ޕާކިސްތާނަށް ވަނީ ޔޫއޭއީގެ ދަރަނި ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ލިބިފައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއިން ވަނީ ޕާކިސްތާނުގެ އިގްތިސާދު އިތުރަށް ވަރުގަދަކުރުމަށްޓަކައި އިތުރު ތިން ބިލިއަން ޑޮލަރު ޖަމާކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ. މިއީ ސައުދީ ރަސްކަމުން އަބަދުވެސް ޕާކިސްތާނުގެ ރައްޔިތުންނާ މެދު ބަހައްޓާ ގާތްކަމާއި، ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިވުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތު ހާމަކޮށްދޭ ކަމެކެވެ.
ޕާކިސްތާނުގެ އިގްތިސާދީ މާހިރުން ދެކޭ ގޮތުގައި، ބޭރުގެ ފިއްތުންތަކާއި ސަރަހައްދީ ސިޔާސީ ކުޅިވަރުތަކުގެ ތެރެއިން ޕާކިސްތާން ސަލާމަތްވުމުގައި ސައުދީ އަރަބިއްޔާގެ މި ދީލަތި އެހީތެރިކަމަކީ ކާމިޔާބީގެ މައިގަނޑު އަސާސެވެ. މި ނިންމުމާއެކު ސައުދީން ވަނީ އެ ގައުމަކީ ޕާކިސްތާނުގެ އެންމެ އިތުބާރު ހުރި ބައިވެރިޔާކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.










