

ސަހްޔޫނީ އަސްކަރިއްޔާއިން ޣައްޒާގެ ދެކުނުގައި އޮންނަ ފަލަސްތީނުގެ އާބާދީ ބޮޑު ސިޓީއެއް ކަމަށްވާ ރަފަހު ބަފަރ ޒޯނަކަށް ބަދަލުކުރުމަށް ރާވާފައިވާކަން ހާމަވެއްޖެއެވެ.
މިސްރާ ބޯޑަރުގައި އޮންނަ މި ސިޓީއަކީ އެތައް ހާސް އަހަރެއް ވެފައިވާ ސިޓީއެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސަހްޔޫނީން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ފަލަސްތީނުގެ ދެލައްކަ މީހުން ދިރި އުޅެމުން ގެންދިޔަކަންވެސް ފާހަގަ ކުރެވެއެވެ.
ސަހްޔޫނީ ނޫހެއްކަމަށްވާ ހާރެޓްޒްއިން ބުނާ ގޮތުގައި މުޅި ސަރަހައްދު ހަމައެކަނި ކަނޑައެޅީ އާންމުންނަށް އޮފް ލިމިޓް ބަފަރ ޒޯނެއްގެ ގޮތުގައެވެ. އަދި އެ ސަރަހައްދު އެއްކޮށް ސުންނާފަތި ކޮށްލާ ފުނޑު ފުނޑު ކޮށްލުމުގެ އެއްވެސް ރޭވުމެއް އަދި ނެތްކަމަށްވެސް އެ ނޫހުންވަނީ ރިޕޯޓު ކޮށްފައެވެ.
ސަހްޔޫނީންގެ ބިމާއި ވައިގެ ސިފައިން ދަނީ މިދިޔަ މަހު އެ އެންކްލޭވް އަށް އަލުން ބޮން އަޅަން ފެށި ފަހުން ހުއްޓާ ނުލާ ރަފަހަށް ހަމަލާ ދެމުންނެވެ.
އޭގެ ފަހުން ގާތްގަނޑަކަށް 1،500 ފަލަސްތީނު މީހުން ޝަހީދުކޮށްލައިފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 50،800 އަށް ވުރެ ގިނަ މީހުން ޝަހީދުވިކަންވަނީ މަސްދަރުތަކުން ހާމަކޮށްފައެވެ.
މި މަހުގެ ކުރީކޮޅު ސަހްޔޫނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޚާން ޔޫނިސް އާއި ރަފާހާއި ދެމެދު އޮންނަ "މޮރަގް އެކްސިސް" ގެ ނަމުން ނަންދެވިފައިވާ ސަރަހައްދެއް ހިފެހެއްޓިކަން އިއުލާން ކޮށްފައެވެ.
އެއީ ސަހްޔޫނީ އަސްކަރިއްޔާއިން ކުރިން އިންސާނީ ސަރަހައްދެއް ނުވަތަ ހިއުމެނިޓޭރިއަން ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއްކަން ފާހަގަ ކުރެވެއެވެ.