

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ މި ދަޑިވަޅުގައި، ރަފަޙުގައި އެހީ ހޯދަން ޖަމާވެ ތިބި ބަޔަކު ޝަހީދު ކޮށްލައިފި އެވެ.
ޣައްޒާގައި ގިނަ އަދަދެއްގެ ރައްޔިތުން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އުޅެމުން އަންނަ ސަރަހައްދެއް ކަމަށްވާ ރަފަޙް ގައި އެހީ ފޯރުކޮށްދެމުން އައި ސަރަހައްދަކަށް ސަހްޔޫނީގެ ސިފައިން ދިން ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ވަނީ ހާމަކޮށްފަ އެވެ.
ސަހްޔޫނީގެ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، އެތައް ބަޔަކަށްވަނީ ބޮޑެތި ޒަޚަމުތައް ވެސް ލިބިފައެވެ. އޭގެ ތެރޭގައި ގިނަ މީހުންނަކީ އެހީ ނުލިބުމުގެ ސަބަބުން ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުން ވެސް އަންނަ މީހުންނެވެ.
ސަހްޔޫނީން ހިންގަމުން އަންނަ އެ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އެހީ ފޯރުކޮށްދިނުގެ މަސައްކަތް ކުރަމުން އަންނަ ޖަމްއިއްޔާތަކުން ބުނެފައިވެއެވެ. އަދި އެހީ ބެހުމުގެ މަަސައްކަތް ކުރަމުން އަންނައިރު، ޣައްޒާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސަން ޖެހޭނެ ކަމުގައި ގޮވާލައިފައިވެއެވެ.
ސަހްޔޫނީން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް މާރޗު މަހުގެ ތެރޭގައި ވެސް ހުރަސް އަޅައިފަވެއެވެ. އޭގެ ފަހުން ގާތް ގަނޑަކަށް ތިން މަސް ދުވަސް ފަހުން، އަނެއްކާވެސް ވަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް ހުއްދަ ދީފައިވެއެވެ. ނަމަވެސް ޣައްޒާއަށް އެތެރެ ވަމުން އަންނަނީ އެ ޤައުމުގެ ދެ މިލިއަން އާބާދީއަށް ބޭނުންވާ ވަރަށް ވުރެ މަދު މިންވަރުގެ އެހީއެވެ. މކަމާ ގުޅިގެން އދ އިން ކަންބޮޑުވުން މީގެ ކުރިން ފާޅުކޮށްފައިވެއެވެ.