
އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ކުޑަކުއްޖެއްގެ ޖަނާޒާގެ ތެރެއިން، އެ ކުއްޖާގެ މަންމަ ދަރިފުޅަށް ކުރި އަސަރުގަދަ ވަދާއީ ސަލާމުގެ ސަބަބުން މުޅި ދުނިޔެ ކަރުނުން ފުރާލައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ޣައްޒާގައި އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ޝަހީދުވެފައިވަނީ އުމުރުން އެންމެ 15 އަހަރުގެ މަހްމޫދު ސުހައިލް އެވެ. މަހްމޫދުގެ ހަށިގަނޑު ވަޅުލުމަށްޓަކައި ގަބުރުސްތާނަށް ގެންދަނިކޮށް، އޭނާގެ މަންމަ ވަނީ ޖަނާޒާ ހުއްޓުވައި، ދަރިފުޅުގެ މޫނު ދެކިލުމަށް އެދިފައެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، އެ ހިތާމަވެރި މަންމަ ދަރިފުޅުގެ ޖަނާޒާ ހުއްޓުވީ ހަމައެކަނި އެންމެ ފަހު ފަހަރަށް އެ ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނުމަށެވެ.
"މިއީ އަހަރެންގެ ދަރިފުޅު، އަހަރެންގެ ލޮލުގެ ނޫރު" ކަމަށް ބުނެ ރޮމުން އެ މަންމަ ދަރިފުޅުގެ ހަށިގަނޑުގައި ބައްދާލި މަންޒަރަކީ ބަލަން ތިބި އެންމެންގެ ހިތްތައް ކުދިކުދިވެގެންދިޔަ މަންޒަރެކެވެ.
މަހްމޫދު ސުހައިލްއަކީ އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވަމުންދާ އެތައް ހާސް ކުޑަކުދިންގެ ތެރެއިން އެކަކެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފަލަސްތީނުގެ މަންމައިން އުފުލަމުންދާ ތަހައްމަލު ނުކުރެވޭ ފަދަ ވޭނާއި ކެކުޅުންތަކަށް ހަމްދަރުދީ ފާޅުކުރަމުންނެވެ.
އިސްރާއީލުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ކޮންމެ ދުވަހަކުވެސް މިފަދަ އެތައް އަސަރުގަދަ ވަދާއީ މަންޒަރުތަކެއް ޣައްޒާގެ މަގުތަކުންނާއި ހޮސްޕިޓަލްތަކުން ދަނީ ފެންނަމުންނެވެ. މަހްމޫދުގެ ވަދާއީ ދަތުރު ނިމިގެންދިޔައީ އޭނާގެ މަންމަގެ އެންމެ ފަހު ބޮސްދިނުމާއެކު، މުޅި އާއިލާގެ ހިތްތަކުގައި ފިލުވައިނުލެވޭނެ ފަދަ ފުން އަސަރުތަކެއް ބާއްވާފައެވެ.










