
ޣައްޒާގެ މެދުތެރޭގައި އޮންނަ ޑެއިރް އެލް ބާލާ ސިޓީއަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން މިއަދު ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ ކަމަށް ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފިއެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ ޑެއިރް އެލް ބާލާގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ވަފާ އިން ބުނި ގޮތުގައި، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ އެ ސަރަހައްދުގައި ހުންނަ އަލް-އަޤްޞާ މާރޓިއަރސް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލުގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސް މީހުން ތިބުމާއެކު، ޝަހީދުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ޚާއްޞަކޮށް ރައްކާތެރި ސަރަހައްދުތަކުގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ ތަންތަނަށްވެސް މިހާރު ދަނީ ބޮން އަޅަމުންނެވެ. ޑެއިރް އެލް ބާލާއަށް ދިން މި ހަމަލާއަކީ އެއްވެސް އިންޒާރަކާ ނުލައި، އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެކެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމައުން ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންދިޔަ ނަމަވެސް، އިސްރާއީލުން ދަނީ އެއްވެސް ޖެހިލުމެއްނެތި ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ކުރިއަށް ގެންދަމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން ފާހަގަކުރެވެއެވެ.










