މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހެވެ. ނުވަތަ ދިވެހިންނަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު މިންވަރުކުރެއްވި ދުވަހެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާމަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ. އެހެންކަމުން ދިވެހިނަަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ މިވީ 899 އަހަރެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފަށައިފައިވާކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އޮތީ ހިޖުރައިން 1374 ވަނައަހަރުއެވެ. އެއީ މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައެވެ. އޭރު ބޮޑުވަޒީރަކަށް ހުންނެވީ ސުމުއްވުލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އެނގިފައިވާ ގޮތުގައި އޭރުން ފެށިގެން 14 އަހަރުވާންދެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރިއެވެ. ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އިސްލާމީ ރޫޙުއާލާކޮށް ވަރުގަދަކޮށް ދީނީ އެއްބައިވަންތަކަން ދަމަހައްޓައި އާލާކުރުމަށްޓަކައެވެ.
ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއްގެ އަތްޕުޅު މައްޗަށް ކަމަށް ރަސްމީ ގޮތުން ވަނީ ކަނޑައަޅުއްވާފައެވެ. އެ ޢިލްމުވެރިޔާގެ ނަންފުޅަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށް ވީ އައްސުލްޠާން މުޙައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ.
ދިވެހިންނަށް އިސްލާމްދީންގެ ހިދާޔަތު ލިބުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދު ދީނެވެ. މިއީ ތާރީޚީލިޔުންތަކުންނާއި ރާއްޖޭގެ އެކި ހިސާބުތަކުން ފެނިފައިވާ އާސާރީ ތަންތަނުންނާއި ތަކެތިން އެނގެންއޮތް ޙަޤީޤަތެކެވެ.
ދިވެހިން މިއަދު ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން ޤަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުނު ލިބުމެވެ. ދިވެހިރާއްޖެ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، ޤައުމުގެ އެކިކަންކޮޅުތަކުގައި މިނިވަންކަމާއި އަމާންކަމާއިއެކު އޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީނެވެ.
މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާޢީ އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީންކަމަށް ދިވެހިން ޤަބޫލުކުރެއެވެ. ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން ދީނެއް ނުވަތަ ދީންތައް ތަޢާރުފް ކުރަންޖެހޭނެ ކަމަށް އެހެން ފަރާތްތަކުން ގޮވާލާ ކޮންމެ ގޮވާލުމަކަށް ދިވެހިން އަންނަނީ ވަރަށް ސާބިތުކަމާއެކު ނޫނެކޭ ބުނަމުންނެވެ. އަދި އެކަން ދަމަހައްޓަމުންނެވެ.
ހިތާމައަކީ، އިސްލާމްދީނަށް ދިވެހިން ކުރަމުން އައި ލޯބި ފަނޑުވަމުން ދާ މަންޒަރު މިހާރު މި ގައުމުން އަންނަނީ ފެންނަމުންނެވެ. އިސްލާމީ ރިވެތި އާދަކާދަތައް ދޫކޮށް ހުޅަނގުގެ ސްޓައިލަށް ދިވެހި މުޖުތަމައުވެސް ބޯލަނބަމުންދާތީއެވެ. މިފަދަ ކަންތައްތައް ހުއްޓުވާ ޒުވާން ޖީލު ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާ ތަނެއް ފެނިގެން ނުދިއުމަކީ ގައުމުގެ ކުރިމަގާއި މެދު މިއަދު ސުވާކު އުފެދޭ ކަމެކެވެ.