
މާލޭ ބޮޑުތަކުރުފާނު މަގުން ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފިރިހެނަކު މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. ނަމަވެސް، މަރުވި މީހާގެ އުމުރާއި ވަނަވަރު ފަދަ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ ކަމަށެވެ.
މި އަހަރުގެ ތެރޭގައި މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވެފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި މިދިޔަ މެއި މަހު ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ އޮގަސްޓު މަހު އެކަނިވެސް މިހާތަނަށް 78 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި 1,600 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.










