
ޕީއެންސީގެ އިންތިހާބުގައި މާރާމާރީ ހިންގައި ދައުލަތުގެ ސްކޫލަށް ގެއްލުން ދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ކުރިއަށް ދަނިކޮށް، އެ ތަނަށް ގްރޫޕަކުން ވަދެ، މާރާމާރީ ހިންގައި އެ ސްކޫލަށާ ސްކޫލުގެ މުދަލަށް ވެސް ޕީއެންސީގެ އެކްޓިވިސްޓުން ވަނީ ގެއްލުން ދީފައެވެ.
އެގޮތުން ސްކޫލުގެ ހޯލަށް ވަންނަން ބޭނުންކުރާ ދޮރުގެ ބިއްލޫރިތަކެއް ތަޅާލައި އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށް، ގޮނޑި މޭޒު ފަދަ ތަކެއްޗަށްވެސް ގެއްލުން ދީފައިވެއެވެ. ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގަ ހަމަލާ ބަދަލުކޮށް އެކަކު އަނެކަކަށް ހަމަލާ ދީފައިވެސް ވެއެވެ. ހަމަނުޖެހުމުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާފައި ހުރި ސަރަހައްދުގައި މި ހަމަނުޖެހުން ހިނގުމާ އެކު، ފަހުން ވަނީ ޕީއެންސީގެ ލީޑާޝިޕްގެ ހާޒިރުގައި އެ ފޮށި ގުނާފައިވެއެވެ. ފޮށިން ކާމިޔާބު ހޯދީ މިހާރު މި ސަރުކާރުން އެންމެ ގާތްކަން ބާއްވަމުންދާ އިންޑިއާގެ ބޮޑޫވަޒީރު ނަރެންދްރަ މޯދީ ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޑު ކުރިތާ އަށް މަސްދުވަސްފަހުން އިސްތިއުފާދީ މިހާރު އެޗްޑީސީގެ ޑިރެކްޓަރަކަށް ހުރި މަލްޝާ ޝަރީފުއެވެ.










