theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ފްލޮޓިލާތަކުގެ ހިމާޔަތައް ގައުމުތަކުން ހަނގުރާމަ މަތީ އުޅަނދު ފަހަރު ފޮނުވަން ފަށައިފި
Mariyam Isaadha
މަރިޔަމް އިސާދާ
26 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ޣައްޒާ އެހީ ހިފައިގެން ދަތުރުކުރަމުންދާ ފްލޮޓިލާތަކުގެ ހިމާޔަތައް ގައުމުތަކުން އުޅަނދު ފަހަރު ފޮނުވަން ފަށައިފިއެވެ.

ގިނަ ގައުމުތަކަކުން އެހީ ގުރާބުތަކަށް ހިމާޔަތްދޭން އުޅަނދު ފަހަރު ފޮނުވަން ފަށާފައިވަނީ އެ ގުރާބުތަކަށް ހަމަލާދޭނެކަމުގެ އިންޒާރުދިފައިވާ ކަމަށާ އަދި މިހާރު އެހީގެ ގުރާބުތައް ފަލަސްތީނުގެ ޣައްޒާއާ ކައިރިވަމުންދާއިރު ގުރާބުތަކަށް އެހީވުމަށް އެ ގުރާބުތަކުގައި ދަތުރުކުރަމުންދާ ފަރާތްތަކުން އެދިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ސްޕެއިންނާ، އިޓަލީގެ އިތުރުން ގްރީސްގެ ހަނގުރާމަ މަތީ އުޅަނދުތައްވެސް ވަނީ ފްލޮޓިލާތަކަށް އެހީވުމަށް ދަތުރު ފަށާފައެވެ.

ގްރީސް ކައިރިން ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ޣައްޒާއަށް އެހީގެ ސާމާނު ގެންދާ ބައިނަލްއަޤްވާމީ ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ)ގެ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި އިޓަލީއާ ގުޅިގެން މަސައްކަތްކުރުމަށް ސްޕޭނުން ވެސް ހަނގުރާމަވެރި މަނަވަރެއް ފޮނުވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް ނިއުޔޯކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސްޕޭންގެ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ، މި ފްލޮޓިލާގައި 45 ޤައުމުގެ ރައްޔިތުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށާއި، އެމީހުން ތަޙައްމަލުކުރާ ތަކުލީފުތަކުގައި ބައިވެރިވުމަށްޓަކައި ދަތުރުކުރަމުންދާ ކަމަށެވެ.

ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިޓަލީވިލާތުން އެޤައުމުގެ ނޭވީގެ އިތުރު މަނަވަރެއް ފޮނުވާނެކަމަށް ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ. އެގޮތުން އިޓަލީގެ ދިފާޢީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވީ، ޣައްޒާއަށް އެހީއާއި އެކްޓިވިސްޓުން އުފުލާ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް ރައްކާތެރިކަން ދިނުމަށް އިޓަލީވިލާތުން ދެވަނަ އަސްކަރީ މަނަވަރެއް ފޮނުވާނެކަމަށް ވިދާޅުވެފައެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ގެންދިޔުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށް ގްރީސުން ވެސް ވަނީ ބުނެފައެވެ. އެގޮތުން ގްރީސްގެ ފޮރިން މިނިސްޓަރު ޖިއޮރގޯސް ޖެރަޕެޓްރިޓިސް ބުރާސްފަތި ދުވަހު ވިދާޅުވީ، ގްރީސްގެ ކަނޑުގެ ސަރަހައްދުގައި މިހާރު އޮތް، ޣައްޒާއަށް ދަތުރުކުރާ ބައިނަލްއަގްވާމީ ފްލޮޓިލާގެ ބޯޓުތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށެވެ. އަދި މި ފްލޮޓިލާގައި ގްރީސްގެ ރައްޔިތުން ބައިވެރިވެފައިވާކަން އިޒްރޭލުގެ ސަރުކާރަށް އަންގާފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.

ޖެރަޕެޓްރިޓިސް އިތުރަށް ވިދާޅުވީ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް ޑްރޯން ހަމަލާތަކެއް ދިނުމުގެ ކަންހިނގާދިޔަ ގޮތް ބެލުމަށް ފުުރިހަމަ ތަޙުޤީޤެއް ކުރިއަށްދާނެ ކަމަށެވެ.

ގްލޯބަލް ސުމުޑް ފްލޮޓިލާގައި 50 އާންމު އުޅަނދު ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާގެ ކަނޑުގެ ސަރަޙައްދު ބަންދުކޮށްފައިވާ ބަންދު ނަގާލުމަށް މަސައްކަތް ކުރަމުންދާއިރު، މި އުޅަނދުތަކުގައި ގިނަ ޤާނޫނީ ވަކީލުންނާއި، ހަރަކާތްތެރިން، އަދި ސްވިޑަންގެ ތިމާވެށި ހަރަކާތްތެރިޔާ ގްރޭޓާ ތުންބާގް ވެސް ހިމެނެއެވެ.

"ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ނަމުގައި ހަރަކާތްތެރިވަމުންދާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ޣައްޒާގެ މައްޗަށް އިޒްރޭލުން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމެވެ. ނަމަވެސް އިސްރާއީލުގެ ޚާރިޖީ މިނިސްޓްރީން ވަނީ ފްލޮޓިލާއަށް ޣައްޒާގެ ކަނޑުތަކުން ދުރުހެލިވުމަށް އަމުރުކޮށް، ބަނޑަށްޖެހިފައިވާ ފަލަސްޠީނު ސަރަޙައްދަށް އެޅިފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް އެއްވެސް މަސައްކަތެއް ކުރުމަށް "ހުއްދަ ނުދޭނެ" ކަމަށް ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved