
ދެކުނު ލުބުނާނުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގައި، އިސްރާއީލު ސިފައިންގެ އިސް ކޮމާންޑަރަކު މަރާލައިފިއެވެ. އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ 401 ވަނަ އާމަރޑް ބްރިގޭޑްގެ 52 ވަނަ ބެޓޭލިއަންގެ އިސްވެރިއެއް ކަމަށްވާ ޑޯރ ގެޑަލިއާ ބެން ސިމްހޯން އެވެ. މި ހަމަލާގައި އޭނާގެ އިތުރުން އިސްރާއީލުގެ ތިން ސިފައިން ވެސް ވަނީ މަރުވެފައެވެ.
މި ހަމަލާގައި މަރުވި ކޮމާންޑަރު ބެން ސިމްހޯންއަކީ މިއަހަރުގެ ޖެނުއަރީ މަހު ޣައްޒާގައި އުމުރުން އެންމެ 5 އަހަރުގެ ފަލަސްތީނުގެ އަންހެން ކުއްޖާ، ހިންދު ރަޖަބްގެ ޝަހީދުކޮށްލުމުގައި ބައިވެރިވި މީހެކެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ކުރި ތަހުގީގުތަކުން ދައްކާ ގޮތުގައި، ކުޑަކުޑަ ހިންދު ރަޖަބް މަރާލި ސަރަހައްދުގައި އެ ވަގުތު ހަރަކާތްތެރިވަމުން ދިޔައީ ބެން ސިމްހޯން ނިސްބަތްވާ 401 ވަނަ އާމަރޑް ބްރިގޭޑްގެ ޔުނިޓެކެވެ. އެ ކުއްޖާ އެހީއަށް އެދި ރޮއެ އާދޭސްކުރަމުން ދަނިކޮށް، އޭނާ ސަލާމަތް ކުރަން ދިޔަ ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ ދެ ޕެރެމެޑިކްސް ކަމަށްވާ ޔޫސުފް ޒެއިނޯ އާއި އަހުމަދު އަލް މަދޫން ވެސް ވަނީ އެމްބިއުލާންސްގައި ތިއްބާ އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، ބެން ސިމްހޯންގެ މަރަކީ ހިންދް ރަޖަބްއަށް ލިބުނު އިންސާފެވެ. މައުސޫމު ކުޑަކުއްޖެއްގެ ފުރާނަ ދުއްވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު، ހަނގުރާމައިގެ މައިދާނުގައި މަރުވުމަކީ ޖަވާބުދާރީވުމުގެ ވަގުތު އައިސް ޖެހުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން މި ކޮމާންޑަރުގެ މަރާއި ޣައްޒާގެ ހާދިސާއާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ކުޑަކުޑަ ހިންދު ރަޖަބްގެ މަރަށް ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އޭނާގެ ހިތްދަތި ވަކިވުން މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ދަނީ ގުގުމަމުންނެވެ. އަދި މި ކޮމާންޑަރުގެ މަރަކީ އެ އަނިޔާވެރިކަމުގެ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.










