

ނިރުބަވެރި ސަހްޔޫނީން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ގިނަ ހަމަލާތަކުގެ އަގު ތުއްތު ތުއްތު ކުދިން އަދާކުރަމުން އަންނައިރު މުޅި ޣައްޒާއިންވެސް ފެންނަމުންދަނީ ހިތްފަޅައިގެންދާފަދަ މަންޒަރުތަކެވެ.
ހަމަލާތަކުގައި މައިންބަފައިން ޝަހީދުވެ ކުދިން ޔަތީމުވެ އެއް އަޑަކަށް ޣައްޒާއިން އިވެމުންދަނީ އެކުދިންގެ މަންމަމެންނަށް ގޮވާ އަޑެވެ. އެ ކުދިންތައް ކައިރިއަށް މަންމަ ގެނެސްދިނުމަށް އެދި ރޮއެ އާދޭސް ކުރާ އަޑެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އެއްގައި ފެންނަނީ ސަހްޔޫނީންގެ ވައިގެ ހަމަލާއެއްގައި ޒަޚަމްވެފައިތިބި ތުއްތު ކުޑަ ދެކުދިން އެކުދިންގެ މަންމަ ހޯދަމުންދާ މަންޒަރެވެ. އެ ކުދިންގެ މަންމަ ގެނެސްދިނުމަށް އެވަގުތު އެތަނުގައި ތިބި މީހުންގެ ކައިރީގައި ރޮމުން އެދޭ މަންޒަރެވެ.
މިއީ މިއަދު މުޅި ޣައްޒާގެ ހާލަތެވެ. ސަހްޔޫނީންގެ ހަމަލާތަކުގައި ޔަމީތުވެފައިވާ އެތަކެއް ކުދިންނެއް ޣައްޒާގައި އަޅާލާނެ ފަރާތެއް ނެތި އުޅެމުންދާއިރު އެ ކުދިންގެ މަންމަމެން އަނބުރާ ގެންނާނީ ކިހިނަކުންތޯއެވެ. މުސްލިމް ނަސްލެއް އެކީ ފޮހެވެމުން ދާއިރު މުސްލިމު ގައުމުތަކުން ހަމައެކަނި މަޝްވަރާކޮށް ނިންމާލުމަކުން މިހާރު ފުދޭކަށް ނެތެވެ.
60،000 ހާހަށްވުރެ ގިނަ މީހުން ޣައްޒާގައި ޝަހީދުކޮށްލާފައިވާއިރު ސަހްޔޫނީންގެ ހަމަލާތައް އަދިވެސް ދަނީ ދެމުންނެވެ. މި ހަމަލާތަކަށް ނިމުމެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ޣައްޒާގެ ކުދިން ކުރާ އުއްމީދު މި ވީޑިއޯތަކުން އެކަނިވެސް ހާމަވެގެންދެއެވެ.