

ސަހްޔޫނީން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުމާ ދެކޮޅުހަދައި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ސާޅީހަށްވުރެ ގިނަ އުޅަނދުގައި ފެށި ދަތުރުގައި ހިމެނޭ ހުރިހާ އުޅަނދެއް ސަހްޔޫނީން ސިފައިން ހުއްޓުވައިފި އެވެ.
ސަހްޔޫނީންގެ ފޮރިން މިނިސްޓްރީން ބުނީ "ބޮޑު ހާދިސާއެއް ނުހިނގައި" ފްލޯޓިލާގެ ހުރިހާ އުޅަނދެއް ހުއްޓުވާފައިވާ ކަމަށެވެ.
އެއްވެސް އުޅަނދަކަށް ޣައްޒާއަށް ނުވަދެވޭ ކަމަށާއި އުޅަނދުތަކުގެ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
"ގްލޯބަލް ސުމޫދް ފްލޮޓީލާ" ގެ ޓްރެކިން ވެބްސައިޓުން ފެންނަ ގޮތުގައި މި ދަތުރުގައި 44 އުޅަނދެއް ބައިވެރިވި އެވެ. މި އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވައި އޭގައި ތިބި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.