

ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރަމުން ދިޔަ 50 އަށް ވުރެ ގިނަ ބޯޓް ނުވަތަ "ގްލޯބަލް ސުމުދް ފްލޮޓިލާ" ތަކަަށް ހަމަލާދީ ހުއްޓުވުމުގެ ހާދިސާއިން ހާމަވެގެން ދިޔައީ އިސްލާމީ ގައުމުތަކުގެ ވެރިންގެ ފިނޑިކަމެވެ.
ޣައްޒާއާއި މި ފްލޮޓިލާ ކައިރިވަމުންދިޔަ ވަރަކަށް ސަހްޔޫނީންގެ ހަމަލާތައް ގިނަ ވުމުގެ ސަބަބުން ޔޫރަޕުގެ ގައުމުތަކުން މި ފޮލޮޓިލާއަށް ހިމާޔަތް ދިން އިރު އަރަބި އިސްލާމީ ގައުމުތައް ތިބީ ހަނުއެވެ. އިސްލާމީ ނަސްލެއް އެކީ ނައްތާލާއިރު އިސްލާމީ ގައުމުތަކުން ހަނު ތިބުމަކީ އިސްލާމީ އުއްމަތް އެކީ ފަޟީހަތްވެގެން ދިޔުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ގްލޯބަލް ސުމުދް ފްލޮޓިލާގެ މައިގަނޑު ބޭނުމަކީ ނުލަފާ ޒަޔަނިސްޓުން ޣައްޒާއަށް ޖައްސާފައި އޮތް ހާލަތު ކަޅާއި ހުދުން ދުނިޔޭގެ ސަމާލުކަމުގެ ސަފްޙާގައި ފަވާލުމެވެ. އެ މަގްސަދު ކިތަންމެހާވެސް ރީތިކޮށް މުޅު ދުނިޔެއަށް މި ފްލޮޓިލާގެ މެންބަރުން ދައްކުވައިދީފިއެވެ.
އަނިޔާވެރި އިޒްރޭލުން އެ ގާފިލާ ޣައްޒާގެ އައްސޭރިއާއި ހަމަޔަށް ދިޔަނުދޭނެކަން މާ ކުރިންވެސް އެންމެންނަށް އިގެއެވެ. ނަމަވެސް ޣައްޒާގެ ހައްގުގައި ސަހްޔޫނީންގެ އިންޒާރުތަކަށް ފަހަކަށް ނުޖެހި މި ފަރާތްތަކުން ދެއްކި ހިތްވަރަށް އައްސަރިބަހާ ސާބަސް ދަންނަވާ ވަރުވެއެވެ. އެ މީހުން ދައްކައިދިނީ އިސްލާމީ ގައުމުތަކަށް ނުކުރެވުނު މަސައްކަތެވެ.
ބޮޑެތި ލަޝްކަރުތަކާއި އުއްމަތުގެ މުއްސަނދި ކަމާއި ދުނިޔޭގެ ނުފޫޒުގެ ގޮނޑިތަކަށް ސަވާރުވެ ތިބި އަރަބި ވެރިންގެ "އަސްލު" ބައިނަލްއަގްވާމީ ލޯތަކުގެ ކުރިމައްޗަށް ފެނިގެން ގޮސްފިއެވެ. ސުމުދް ގާފިލާގެ ފަހުލަވާނުން ދުނިޔެއަށް މިސާލެއް ދައްކައިދީފިއެވެ.
މި ގާފިލާގައި ދިވެއްސެއް ހިމެނުމަކީ މުޅި ދިވެހިރާއްޖެއަށް މަދުން ނޫނީ ނުލިބޭފަދަ ފަޚުރެކެވެ.