April 3, 2026
Advertisement
-
- / އަލްޖަޒީރާ

ހަމާސް-އިޒްރޭލަށް ޓްރަމްޕްގެ މާސްޓާ ޕްލޭން!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 4, 2025, 05:52 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ހަމާސް ޖަމާއަތާއި އެކު، ޣައްޒާގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އަމާޒު ހިފާފައިވާ ސުލްހައިގެ ޕްލޭނެއް ވޮޝިންޓަންގައި ހާމަކުރައްވައިފި އެވެ.

Advertisement

ޓްރަމްޕް ވަނީ ހަމާސް "ސުލްހައަށް ތައްޔާރަށް" އޮތް ކަމަށް އިއުލާންކޮށް، ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށާއި އިސްރާއީލުން ޣައްޒާގައި ހަނގުރާމަ އަބަދަށް ހުއްޓާލުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

20 ޕޮއިންޓުގެ މައްޗަށް ބިނާކޮށްފައިވާ މި ޕްލޭންގައި މަސައްކަތް ކުރަނީ ޣައްޒާގެ ވެރިކަން އަލުން ބައްޓަން ކުރުމަށެވެ. އެގޮތުން ހަމާސްގެ ބަދަލުގައި ފަލަސްތީނުގެ މިނިވަން ޓެކްނޮކްރެޓުންނަށް އެ ސަރަހައްދުގެ ކޮންޓްރޯލް ބަދަލުކޮށް، އިސްރާއީލުގެ ހުރިހާ އަސީރުން ދޫކޮށްލުމުަށް ހަމާސްއިން ހުށަހަޅާފައިވެއެވެ.

މި ޕްލޭންގެ ސަބަބުން އިންސާނީ އެހީތެރިކަން ކަށަވަރުވެ، މަދަނީ އިންފްރާސްޓްރަކްޗަރ އަލުން ބިނާކޮށް، ފަލަސްތީނުގެ މީހުންނަށް ލިބޭ ތަކުލީފު ކުޑަވެގެންދާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ނަތަންޔާހޫ ވަނީ މި ޕްލޭންއަށް ރަމްޒީ ގޮތުން އެއްބަސްވެ، އިސްރާއީލުގެ މައިގަނޑު މަގުސަދުތައް ހާސިލްވާ ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ރަހީނުކޮށްފައިވާ މީހުން އަނބުރާ ދިނުމާއި، އެގައުމުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށްދިނުމާއި، ހަމާސްގެ ނުފޫޒު ހަނިކުރުން އެމީހުންގެ މައިގަނޑު ޕްއިންޓްތަކުގައި ހިމެނެއެވެ.

އޭނާ ވިދާޅުވީ އެ ޕްލޭންގައި ހަމާސް އެކަހެރިކޮށް، އިސްރާއީލުގެ ހަނގުރާމައިގެ އަމާޒުތައް ރައްކާތެރިކޮށްދޭ ކަމަށެވެ. ޣައްޒާ ތެރޭގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް އަދި ފުރިހަމައަށް ހުއްޓިފައި ނުވި ނަމަވެސް ފުރަތަމަ މަރުހަލާ ތަންފީޒު ކުރަން ތައްޔާރަށް އޮތްކަން ވެސް އިސްރާއީލުން ވަނީ އިޝާރާތްކޮށްފަ އެވެ.

ހަމާސް އިން ވަނީ ޕްލޭންގެ މުހިންމު ބައިތަކަށް އެއްބަސްވެފައިވާ ކަމުގެ އިޝާރާތެއް ދީފައި ނަމަވެސް އިސްރާއީލުގެ މައިގަނޑު ޑިމާންޑެއް ކަމަށްވާ ހަތިޔާރު ނައްތާލުމަށް ވައުދުވާން ދެކޮޅު ހަދާފަ އެވެ. އެ ޖަމާއަތުން ބުނީ އަސީރުން ދޫކޮށްލައި ވަގުތީ ވެރިކަމެއް ބަލައިގަތުމަށް ތައްޔާރަށް އޮތް ނަމަވެސް ނާޒުކު މައްސަލަތަކުގައި އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

މި ޕްލޭންގައި އަލިއަޅުވާލާފައިވާ މައިގަނޑު 20 ޕްއިންޓަކީ:

  • ޣައްޒާ ވެގެންދާނީ އަވަށްޓެރި ގައުމުތަކަށް ނުރައްކަލެއް ނެތް ޓެރަރިޒަމް ފްރީ ޒޯނަކަށް
  • ޣައްޒާއަށް އަލުން ތަރައްގީކުރުން
  • ދެ ފަރާތުން ވެސް ގަބޫލުކޮށްފިނަމަ ހަނގުރާމަ ވަގުތުން ނިމުމަކަށް އައުން
  • އިސްރާއީލުން އެއްބަސްވުން ގަބޫލުކުރާތާ 72 ގަޑިއިރުގެ ތެރޭގައި ރަހީނުކޮށްފައިވާ ހުރިހާ މީހުން އަނބުރާ ދޫކޮށްލުން
  • ހަމާސްއިން އަސީރުން ދޫކޮށްލުމުން އިޒްރޭލުގެ ކަސްޓަޑީގައި ތިބި ޣައްޒާ ރައްޔިތުން ދޫކޮށްލުން
  • ހަމާސްއިން ހަތިޔާރު ބޭނުންކުރުން ހުއްޓާލުން، ޣައްޒާ ދޫކޮށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުން
  • އެއްބަސްވުން ފެށޭ ހިސާބުން އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދޭން ފެށުން
  • ނިއުޓްރަލް ބައިނަލްއަޤްވާމީ އިދާރާތައް (ޔޫ.އެން، ރެޑް ކްރެސެންޓް ފަދަ) މެދުވެރިކޮށް، އެއްވެސް ހުރަހެއް ނެތި އެހީ ބެހުން
  • ޣައްޒާގެ ވެރިކަން ވަގުތީ ގޮތުން ޓެކްނޮކްރެޓިކް، ފަލަސްތީނުގެ ކޮމިޓީއަކުން، އާންމު ހިދުމަތްތަކާއި މުނިސިޕަލްޓީތައް ބެލެހެއްޓުން.
  • އިސްލާހުކޮށްފައިވާ ފަލަސްތީނުގެ އޮތޯރިޓީއަކާ ހަވާލުވާންދެން ވެރިކަން ހިންގުމާއި ރީޑިވެލޮޕްމަންޓް ސުޕަވައިޒް ކުރުމަށް ޓްރަމްޕް އިސްކޮށް ހުންނަވައިގެން އަދި ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް "ބޯޑް އޮފް ޕީސް" (އޮވަރސައިޓް) އެއް ގާއިމްކުރުން
  • އިޤްތިޞާދީ ތަރައްޤީގެ ޕްލޭންއެއް ހެދުން
  • ބޭރުގެ އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށްޓަކައި ޣައްޒާގައި ވިޔަފާރީގެ ގޮތުން ރަނގަޅު ޝަރުތުތަކާއި ޓެރިފް ރޭޓް ފަދަ ސްޕެޝަލް އިކޮނޮމިކް ޒޯނެއް (އެސްއީޒެޑް) އުފެއްދުން
  • ޣައްޒާ ދޫކޮށް ދާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ދިނުން އަދި އަންނަން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު ހުޅުވާލުން
  • ހަމާސް (އަދި ހަނގުރާމަވެރި އެހެން ފަރާތްތަކުގެ) ވެރިކަމުގައި އެއްވެސް ދައުރެއް ނެތުން
  • ސަރަހައްދީ ގައުމުތަކުން ޣައްޒާއަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ދިނުން
  • އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) އެއް ޑިޕްލޮއިކުރުން
  • އިސްރާއީލުން ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލުން
  • ހަމާސްއިން އެއްބަސްވުން ގަބޫލުކުރުން ލަސްކޮށްފިނަމަ ސަލާމަތީ ކަންކަން ބަލަހައްޓާނީ އިޒްރޭލުގެ ސިފައިން ކަމަށް
  • އިންޓަރފޭއިތު ޑައިލޮގް ޕްރޮސެސްއެއް ގާއިމްކޮށް ޣައްޒާއާއި އިޒްރޭލާއި ދެމެދު ގުޅުން ރަނގަޅުކުރުން
  • ޣައްޒާގައި ރީޑިވެލޮޕްމަންޓާއި ފަލަސްތީނުގެ އޮތޯރިޓީގެ އިސްލާހުތައް ހިނގާއިރު، ފަލަސްތީނުގެ މިނިވަން ދައުލަތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން.

ނަމަވެސް ޓްރަމްޕް ވަނީ ކަނޑައެޅިފައިވާ މުއްދަތަށް ހަމާސް އިން ފުރިހަމައަށް އެއްބަސް ނުވެއްޖެނަމަ "އެމީހުންނާ ދެކޮޅަށް ނުރައްކާ" އޮތް ކަމަށް ބުނެ އިންޒާރު ދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved