

އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން، ބައިނަލްއަޤްވާމީ މެހެމާނުންގެ ކުރިމަތީގައި މުޅިންއާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައި.ސީ.ބީ.އެމް) ދައްކާލައި، ބޮޑު އަސްކަރީ ޕެރޭޑެއް ބައްލަވައިލައްވައިފިއެވެ. މި ޚަބަރު އުތުރު ކޮރެއާގެ ރަސްމީ މީޑިއާ ކޭ.ސީ.އެން.އޭ އިން ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭ ފެށުނު މި ޕެރޭޑަކީ، ވެރިކަން ކުރާ ވޯކަރސް ޕާޓީ އުފެއްދިތާ 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގްއާއި، ރަޝިޔާގެ ކުރީގެ ރައީސް ދިމިތުރީ މެދުވެދޭވް އިސްކޮށް ހުންނެވި ވަފުދަކާއި، އަދި ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ޓޯ ލާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަންހުރި އުތުރު ކޮރެއާއިން މި އަސްކަރީ ޕެރޭޑުގައި ވަނީ އެ ޤައުމުގެ އެންމެ ކުރިއަރާފައިވާ ހުއަސޮންގް-20 އައި.ސީ.ބީ.އެމް ދައްކާލާފައެވެ. ކޭ.ސީ.އެން.އޭ އިން މި މިސައިލް ސިފަކޮށްފައިވަނީ އެ ޤައުމުގެ "އެންމެ ބާރުގަދަ ނިއުކްލިއަރ ސްޓްރެޓެޖިކް ހަތިޔާރުގެ ނިޒާމު" ގެ ގޮތުގައެވެ.
ހުއަސޮންގް ސީރީޒްގެ އައި.ސީ.ބީ.އެމް ތަކުގެ ސަބަބުން އުތުރު ކޮރެއާއަށް އެމެރިކާގެ ބައްރުގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދިނުމުގެ ގާބިލިއްޔަތު ލިބިފައިވެއެވެ. ނަމަވެސް، މި މިސައިލްތަކުގެ ގައިޑެންސް ނިޒާމުގެ ފެންވަރާއި، އަދި މިސައިލްތަކުގައި ހުންނަ ހެޑްތަކަށް އަނބުރާ ބިމަށް ވަނުމުގެ ގާބިލިއްޔަތު ހުރި މިންވަރާ މެދު ސުވާލުތައް އެބަހުއްޓެވެ.
އެމެރިކާގެ ކާނެގީ އެންޑޯމަންޓް ފޯ އިންޓަރނޭޝަނަލް ޕީސްގެ އެންކިޓް ޕަންޑާ ވިދާޅުވީ، "ހުއަސޮންގް-20 އަކީ މިވަގުތަށް ބަލާއިރު، ދުރު ރާސްތާގެ ނިއުކްލިއަރ ހަމަލާ ދިނުމަށް އުތުރު ކޮރެއާއިން ކުރާ މަސައްކަތުގެ އެންމެ މަތީ ދަރަޖަކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން މި ނިޒާމު ތަޖުރިބާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ، މި ނިޒާމު ފަރުމާކޮށްފައިވަނީ ގިނަ ހެޑްތައް އުފުލުމަށް ކަމަށް ލަފާކުރެވޭކަމަށާއި، ގިނަ ހެޑްތަކުގެ ސަބަބުން އެމެރިކާގެ މިސައިލް ދިފާޢީ ނިޒާމުތަކަށް ބާރުބޮޑުވެ، ވޮޝިންޓަންއާ ދެކޮޅަށް ކިމް ބޭނުންވާ ބިރުދެއްކުމުގެ އަސަރު އިތުރުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕެރޭޑުގައި ކިމް ދެއްވި ތަޤްރީރުގައި، އުތުރު ކޮރެއާގެ ސިފައިން ބޭރު ޤައުމުތަކުގައި ކުރާ މަސައްކަތަށް ހިތްވަރު ދެއްވާ ވާހަކަ ވިދާޅުވިއެވެ. އަދި އެ ޤައުމުގެ އަސްކަރިއްޔާގެ ހިތްވަރާއި ގާބިލްކަން ފެންނާނީ އުތުރު ކޮރެއާ ދިފާޢު ކުރުމުގައި އެކަނި ނޫން ކަމަށާއި، ސޯޝަލިސްޓް ބިނާކުރުމުގެ މަރުކަޒުތަކުގައި ވެސް ކަމަށް ކޭ.ސީ.އެން.އޭ އިން ބުނެފައިވެއެވެ.