ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ސަހްޔޫނީން ލާއިންސާނީ ގަތުލުއާންމު ހިންގަންފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެ ދެ އަހަރު ކުރިންވެސް ނޫނެވެ. މީގެ 77 އަހަރު ކުރިންވެސް މި ހަނގުރާމަ ވަނީ ފެށިފައެވެ.
ގަރުނެއްވާން ކައިރިވެފައިވާ މި ހަނގުރާމަ މިހާރު ނިމިފައިވާ ކަމަށް އިއުލާންކޮށް ސަހްޔޫނީން ހައްޔަރުކޮށްފައިވާ ޣައްޒާގެ އަސީރުން އަންނަނީ މިހާރު މިނިވަންކުރަމުންނެވެ.
މިގޮތުން މި ސުލްހައިގެ އެއްބަސްވުމުގެ ދަށުން މިނިވަންކަން ލިބުނު އެކަކީ ސަހްޔޫނީން 2015 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއެއްގައި ފައި ބުރިވި އުމުރުން 28 އަހަރުގެ މަހްމޫދު އަބޫ ފައުލްއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމާލް އަދްވާން ހޮސްޕިޓަލުން ހައްޔަރު ކުރި މަހްމޫދު ސަހްޔޫނީންގެ ޖަލުތަކުގައި އަނިޔާވެރިކަމުގެ ތެރޭގައި އަށް މަސް ހޭދަކުރިއެވެ. ސަހްޔޫނީންގެ ހައްދެއް ނެތް އަނިޔާވެރިކަމުގެ ތެރެއިން އޭނާ ސަލާމަތްވެފައި ވަނީ ސަހްޔޫނީންނާއި، ހަމާސް ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމުގެ ދަށުން މިދިޔަ ހޯމަ ދުވަހު ދޫކޮށްލި 2،000 އެއްހާ މީހުންގެ ތެރޭގައި އޭނާ ހިމެނުމުންނެވެ. އޭނާ ސަލާމަތްވި ނަމަވެސް މިނިވަންކަމުގެ ހަގީގީ ފޮނި މީރުކަން އޭނާއަށް އިހުސާސެއް ނުކުރެވުނެވެ. އޭނާއަށް ދިން އަނިޔާގެ ތެރެއިން ލޮލުގެ ފެނުންވެސް ވަނީ ގެއްލިފައެވެ.
މަހުމޫދަށް ޖަލުގައި ވަރަށް އަނިޔާ ކުރި ކަމަށް އޭނާ ކިޔާދިނެވެ. މިގޮތުން އޭނާ ދަގަނޑުން ތަޅާ އިލެކްޓިކް ޝޮކްވެސް ދިންކަމަށް ބުނެއެވެ.
ހުއްޓުމެއް ނެތި އަނިޔާ ކުރަމުންދިޔަ އިރު މި އަނިޔާ ކުރުމުގެ ތެރޭގައި އެއް ދުވަހެއްގައި ޖަލުގެ ގާޑަކު އޭނާގެ ބޮލުގައި ޖެހި ގޮތަކުން ހޭ ހުއްޓޭގޮތް ވި ކަމަށާއި އޭނާއަށް ހޭވެރިކަން ވެރިވިއިރު ލޮލުގެ ފެނުން ވަނީ ގެއްލިފައި ކަމަށް މަހުމޫދު ބުންޏެވެ.
ފަރުވާއަށް އެދި އާދޭސް ކުރި ކަމަށާއި ނަމަވެސް އެމީހުން ލޮލަށް އަޅާ ބޭހެއް ފިޔަވައި އެއްވެސް އެއްޗެއް ނުދޭ ކަމަށް މަހުމޫދު ރޮމުން ކިޔާދިނެވެ.
"އަހަންނަށް މަންމަގެ އަޑު އިވުމުން ވަރަށް ބާރަށް މަންމަގެ ގައިގައި ބައްދާލިން. އެކަމަކު އަހަރެންނަށް މަންމައެއް ނުފެނުނު، އެކަމަކު އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމަކީ ދުނިޔޭގައި އަހަރެންނަށް ހުރިހާ އުފަލެއް ލިބުން ކަހަލަ ކަމެއް،". އޭނާ ބުނެފައި ވެއެވެ.
އޭނާ މިހާރުވެސް އިންތިޒާރު ކުރަމުން ދަނީ އޭނާއަށް ފަރުވާ ހޯދޭނެ ގޮތެއް ވޭތޯއެވެ. މިގޮތުން ފަރުވާއަށް ބޭރަށް ދެވޭނެ ގޮތެއް ވޭތޯވެސް ދަނީ ބަލަމުންނެވެ.
މިއީ ސަހްޔޫނީންގެ ޖަލުތަކުން ދޫކޮށްލި ގިނަ މީހުންގެ ހާލަތެވެ.