theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ރައީސް ޔާމީންގެ ނަންފުޅު އިވުމާއެކު ރުޅިގަދަވެ, ތުހުމަތުގައި ތިބި 300އަށްވުރެ ގިނަ މީހުންނަކީ ކުށްވެރިންގެ ގޮތުގައި މުއިއްޒު ސިފަކޮށްފި
Yana Shareef
ޔާނާ ޝަރީފް
05 ޑިސެމްބަރު 2025

ވާނުވާ ބަންދަކީ ފަސް މިނެޓް ތެރޭވެސް އުވާލެވޭނެ އެއްޗެއްކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ވާހަކަ ޒުވާނަކު ފާހަގަކުރުމުން, ރުޅިގަދަވެ ތުހުމަތުގައި ތިބި 300އަށްވުރެ ގިނަ މީހުންނަކީ ކުށްވެރިންގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ސިފަކޮށްފިއެވެ.

މާފަންނު ރައްޔިތުުންނާއެކު ރޭ ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ކުށުގައި ތުހުމަތުގައި ހައްޔަރު ކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރާ މައްސަލައިގައި، ޒުވާނެއްގެ ޖަޒުބާތީ ޝުއޫރުތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ވާނުވާ ބަންދު އުވާލަން މުއިއްޒު ވީ ވައުދުތައް ނުފުއްދާ މައްސަލަ އާއި ކުރިއަށް ވުރެ ވެސް ގިނައިން މީހުންނަށް ވާނުވާ ބަންދު ޖަހާ މައްސަލަ އެ ޒުވާނާ ފާހަގަކުރެއްވިއެވެ.

އެ ޒުވާނާއަށް ރައްދުދެމުން މުއިއްޒު ވިދާޅުވީ ވާނުވާ ބަންދުގައި ތިބީ ޓެރަރިޒަމް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން، މީހުން މެރުން، މާރާމާރީ ހިންގުން، ޑްރަގް ޓްރެފިކް ކުރުން ފަދަ ކުށްތަކުގައި ހިމެނޭ މީހުން ކަމަށެވެ.

އެފަދަ ކުށްތައް ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިފައި އޮތް ހައްގެއް އަދި ފުރުސަތެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެފަދަ މީހަކު ދޫކޮށްލުމަކީ އެމަނިކުފާނު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

ފަސް މިނެޓެއް ނޫން އެއްވެސް ސިކުންތެއްގައި ދޫކޮށްލެވޭނެއޭ ވިދާޅުވިޔަސް ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގާފައި ހުރި މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައި ހުރި މީހެއް، މާރާމާރީ ނުވަތަ މަރުގެ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކްކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑު ހިތުން އަޅުގަނޑަށް ލިބިފައި އޮތް ހައްގެއް ނޫން އަދި ފުރުސަތެއް ވެސް އަދި ކޮށްގެންވާނެ ކަމެއް ވެސް ނޫން. އެހެންވީމަ އެކަން ނުވަނީ

- މުއިއްޒު

ކުށުގެ ތުހުމަތުގައި ތިބި ފަރާތްތަކަކީ ހަގީގަތުގައި ވެސް ކުށްވެރިންގެ ގޮތުގައި ސިފަ ކުރައްވާ މުއިއްޒު ވިދާޅުވީ ވާނުވާ ބަންދުގައި 347 މީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި، މަރުގެ މައްސަލަތަކުގައި ހިމެނޭ 29 މީހަކާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ 20 މީހަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ 117 މީހުންނާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހިމެނޭ 116 މީހުން ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވާނުވާ ބަންދުގެ މާނަ އޮޅުވާލަން މުއިއްޒު މަސައްކަތް ކުރެއްވި އެވެ. ވާނުވާ ބަންދަކީ، ކުށެއްގައި ހައްޔަރު ކުރާ ހިސާބުން ފެށިގެން އެ މައްސަލައިގައި އޭނާއަށް ދައުވާއެއްކޮށް، އެ ދައުވާއަށް ހިންގާ ޝަރީއަތް ނިމެންދެން ބަންދު ކުރުން ކަނޑައަޅާ ކަނޑައެޅުމެވެ. އެހެންނަމަވެސް، އެ ބައްދަލުވުމުގައި މުއިއްޒު މަސައްކަތް ކުރެއްވީ ވާނުވާ ބަންދަކީ، ޝަރީއަތް ހިނގާ ނުހިނގާ ގޮތް ނޭނގި ބަންދުގައި ތިބުމުގެ ގޮތުގަ ސިފަ ކުރެއްވުމަށެވެ.

ވާނުވާ ބަންދު މުއިއްޒު ތަކުރާރުކޮށް ސިފަ ކުރެއްވީ ޝަރީއަތް ތާވަލު ކުރާނެ ދުވަސް ނޭނގި ބަންދުގައި ތިބުމުގެ ގޮތުގަ އެވެ. ޝަރީއަތުގެ ތާވަލު ނޭނގޭ މީހަކު ބަންދުގައި މިހާރު ނުތިބޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved