ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭ ގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހަދާފައިވަނީ ހުޅުމާލެ ހޮސްޕިޓަލު ގައި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ނަމަވެސް ސީޓީ ސްކޭން އަށް ފަހު ހަށިގަނޑުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރިކަން ކަށަވަރުވުމުން، ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލެ ސަހަރާގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މިކަމުގެ މައުލޫމާތު ފުލުހުން ދީފައިވަނީ ޗެނަލް 13 އަށް އިތުބާރު ހިފޭ މަސްދަރަކުން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބުމުން ޚަބަރު ޝާއިއު ކުރިތާ 3 ގަޑިއިރުފަހުންނެވެ.
އެގޮތުން ފުލުހުން މި ކަމުގެ މައުލޫމާތު ފުރަތަމަ ހިއްސާ ކުރި އިރު ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ކޮންތާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނެފައިވަނީ މައްޔިތާ ގެ ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާ އެކު ޑޮކްޓަރުން ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މައްޔިތާގެ ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ. މައްޔިތާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް މަސްތުވާތަކެތި ނަގާފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުން 30 ނޮވެމްބަރު ގައި ސީޓީ ސްކޭން ހެދި ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް އޭގެ ދެ ދުވަސް ފަހުން ކުރީ، މިކަމަކީ ރާއްޖޭގައި އަލަށް ކުރެވޭކަމަކަށްވުމާއެކު، ޤާނޫނީ ގޮތުން ހުރި ކަންތައްތަކާއި އަދި މިކަމުގައި ހަމަޖައްސަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކަމާގުޅުން ހުރި ރަސްމީ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި އެކަންކަން ހަމަޖެހުމުން މިކަން ކުރީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފާ ލިބުމަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމުގައި ކަމަށެވެ.
މިއާ އެކު ގިނަ ބަޔަކު އަންނަނީ ސީޓީ ސްކޭން ހަދަން ހޮސްޕިޓަލަށް ގެންދެވުނު ހަށިގަނޑު، އިތުރު ކަމަކަށް ހޮސްޕިޓަލަށް ނުގެންދެވުނީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ. މީގެ އިތުރުން މިކަން ހޮސްޕިޓަލެއް ގައި ނުވަތަ ސަހަރާގައި ވެސް ކުރުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ގާނޫނީ ދާއިރާގެ ގިނަ ބަޔަކު ވެސް ފާހަގަކުރެ އެވެ.