ޣައްޒާގެ ރަޝީދު ސްޓްރީޓުގައި ކާބޯތަކެތި ހޯދަން އެއްވެ ތިބި މީހުންގެ ގަޔަށް ބަޑި ޖަހާ 104 މީހަކު ޝަހީދުކޮށްލުމުން ރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން މިކަން ކުށްވެރިކޮށްފައިވަނީ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ހަތިޔާރު ނެތް ފަލަސްތީނުގެ އާންމުންނަށް އިސްރާއިލްގެ ހަތިޔާރު އެޅި ސިފައިން ދިން ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
ކުށެއް ނެތް ސަތޭކައަށް ވުރެ ގިނަ ބަޔަކު ޝަހީދުކޮށް އެތައް ސަތޭކަ ބަޔަކު ޒަހަމްކޮށްލި އެ އަނިޔާވެރި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް ކަމަށް ވެސް ރާއްޖޭގެ ފަރާތުން ނެރުނު ބަޔާނުގައިވެއެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ރާއްޖޭގެ ފަރާތުންވަނީ ގޮވާލާފައެވެ.
އަދި އެކަން ކުރި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ވެސް ވަނީ ބަޔާނުގައި ގޮވާލާފައެވެ.
އޭގެއިތުރުންވެސް ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ދިވެހި ރައްޔިތުން ތިބި ކަމަށްވެސް ތަކުރާރުކޮށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ވަގުތުން ވަގުތައް ހަނގުރާމަ ހުއްޓާލުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މީގެ ކުރިންވެސް ރާއްޖޭން ވަނީ ފަލަސްތީނުގައި އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ ލޭއޮހުރުވުން ހުއްޓާލުމަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފައެވެ.