
އީރާނުގެ ޖާސޫސީ އިދާރާއިން އިސްނަގައިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އެ ގައުމަށް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ސްޓާލިންކް ޓާމިނަލްތަކާއި ޒަމާނީ އިލެކްޓްރޯނިކްސް ސާމާނުތަކުގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފިއެވެ.
އީރާނުގެ ސަލާމަތީ ބާރުތަކުން ހާމަކުރި ގޮތުގައި، މި ތަކެއްޗަކީ ޖާސޫސީ އަމަލުތައް ހިންގުމަށާއި ގައުމުގެ ހަމަޖެހުން ނަގާލުމަށް (ސެބޮޓޭޖް ކުރުމަށް) ބޭނުންކުރުމަށް އެތެރެކުރި ތަކެތި ކަމަށް ބެލެވެއެވެ. މި ޝިޕްމަންޓަކީ "ސަރަހައްދުގެ ގައުމަކުން" ފޮނުވާފައިވާ ޝިޕްމަންޓެއް ކަމަށާއި، މި ތަކެތި އަމާޒުކޮށްފައިވަނީ އީރާނުގެ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކަށް ބެހުމަށް ކަމަށްވެސް އެ ގައުމުގެ ޖާސޫސީ އިދާރާއިން މައުލޫމާތު ދެއެވެ.
އަތުލައިގަތް މި ބޮޑު ޝިޕްމަންޓްގައި ހިމެނޭ މުހިންމު ތަކެތީގެ ތަފްސީލަކީ:
• 100 ލޯންގް ރޭންޖް ރިސީވަރު
• 50 ބީޓީއެސް ސިގްނަލް އެމްޕްލިފައިޓަރު
• 743 ފައިވް-ޖީ (5G) މޮޑެމް
• 799 މޮބައިލް ފޯނު
އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިފަދަ ޒަމާނީ މުވާސަލާތީ ވަސީލަތްތައް ގައުމަށް އެތެރެކުރުމުގެ ބޭނުމަކީ ރަސްމީ ނެޓްވޯކްތަކުން ބޭރުން މުވާސަލާތީ ގުޅުންތައް ގާއިމުކޮށް، ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ހަރަކާތްތައް ހިންގުމަށް މަގުފަހިކުރުމެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.










