ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީން ބޭއްވި ޕްރައިމަރީތަކަށް އާންމު މެންބަރުންގެ ފަރާތުން ލިބުނު ފިނި ތަރުހީބާއެކު، އެ ޕާޓީތަކަށް އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެފައިވާކަން ހާމަވެއްޖެއެވެ.
މާލެ އާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޯޓުލުން ކުރިއަށް ދިޔައިރު، ވޯޓުލާން ނުކުމެފައިވަނީ ވަރަށް މަދު ބަޔެކެވެ. މިއީ މި ދެ ޕާޓީގެ ސިޔާސީ ނުފޫޒު ކުޑަވެ، ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާ ކަމުގެ ހެއްކެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޚާއްޞަކޮށް، ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން ސައްހަ ނޫން ގޮތުގައި މީހުން ޕާޓީއަށް ވައްދައި، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ދައްކަން މަސައްކަތްކުރި ޕީއެންސީއަށް މި ޕްރައިމަރީން ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ކިތަންމެ ވަރަކަށް މެންބަރުންގެ އަދަދު ކަރުދާހުގައި އިތުރުކުރަން އުޅުނަސް، ވޯޓު ފޮށި ކައިރިއަށް މީހުން ނުދިއުމުން ދޭހަވަނީ ސަރުކާރު ހިންގާ ޕާޓީގެ ސިޔާސަތުތަކަށް ރައްޔިތުން "ނޫނެކޭ" ބުނެފައިވާ ކަމެވެ.
އަނެއްކޮޅުން، އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައިވެސް ފެނިގެންދިޔައީ ހަމަ މި މަންޒަރެވެ. އެ ޕާޓީގެ އެތެރޭގެ ބައިބައިވުމާއި، ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން އާންމު މެންބަރުން ވަނީ ޕާޓީގެ ހަރަކާތްތަކާ ދުރުވެފައެވެ.
މި ހާލަތާ ގުޅިގެން ގިނަ ރައްޔިތުން ފާޅުކުރަމުންދާ ޝުއޫރުތަކަށް ބަލާއިރު، ރާއްޖެއަށް މިހާރު ބޭނުންވަނީ ކޮރަޕްޝަނުގެ އެއްވެސް ތުހުމަތެއް ނެތް، ސާފު އަދި ގައުމީ ވިސްނުމެއް ހުރި ކެންޑިޑޭޓެކެވެ. އެގޮތުން، މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނެވި އެންމެ ގާބިލު އަދި އިތުބާރު ހިފޭ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންޑޯޒް ކުރެއްވިގެން ނުކުންނަވާ ގައުމީ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ބޮޑު ދެ ޕާޓީގެ މި ފެއިލްވުމަކީ، ރާއްޖޭގެ ސިޔާސީ މައިދާނަށް އަންނަން އުޅޭ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ބެލެވެއެވެ. ރައްޔިތުން ބޭނުންވަނީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ އާ ފިކުރެއްކަން މި ޕްރައިމަރީތަކުން ވަނީ ވަރަށް ސާފުކޮށް ހާމަވެފައެވެ.