ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް ގޮވާލެއްވީ ފަލަސްތީނުގެ މައްސަލައިގައި އޯއައިސީ އިން ބާއްވަމުންދާ ހާއްސަ ޖަލްސާގައި ރާއްޖޭގެ އިސްލާމީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމަށެވެ.
އަދި އަމާންކަމާއެކު އުޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޝަހިމް ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ވުރެ މަތީގައި ވަކި ގައުމަކަށް އޮވެވިގެން ނުވާނެ ކަމަށާއި އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ.
މިނިސްޓަރު ޝަހީމްް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ޖެހޭ ވަގުތަކީ މިއީ ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ ކަމެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.