
ރަމަޟާން މަހު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ރަސްމީ ވަގުތަކީ ހަތަރު ގަޑިއިރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ ބައެއް މުވައްޒަފުންގެ މެދުގައި ރަސްމީ މަސައްކަތުގެ ގަޑި ތަފާތުކުރާކުރުމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސިއްހީ މަސައްކަތްތެރިންގެ ޖަމިއްޔާ (އެމްއެޗްޕީޔޫ)އިން ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ސާވިސް މުވައްޒަފުން، މިދިޔަ އަހަރުގެ ނޮވެމްބަރުން އެކަކުން ފެށިގެން އާ ވަޒީފާގެ އޮނިގަނޑަކަށް އަމަލުކުރަމުން އަންނައިރު، އާ އޮނިގަނޑުތަކަށް އަމަލުކުރާ މުވައްޒަފުންގެ ވަޒީފާގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ނޭޝަނަލް ޕޭ ސްޓޭންޑާޑްސްގެ ދަށުން ކަމަށެވެ.
އެ ބަޔާނުގައި އެމްއެޗްޕީޔޫއިން ބުނީ، 2022ވަނަ އަހަރުގެ މޭ މަހު އަމަލުކުރަން ފެށި ވަޒީފާގެ އޮނިގަނޑުގައިވާ ގޮތުން، މަދަނީ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައި ވަނީ ދުވާލަކު އަށް ގަޑިއިރު، އަދި ހަފުތާއެއްގައި ހަ ދުވަހުގެ މަސައްކަތު ގަޑިއަށް ކަމަށެވެ. ނަމަވެސް ސަރުކާރުން ދީފައިވާ ލުއިތަކާއެކު ބައެއް މުވައްޒަފުން ދުވާލަކު ހަ ގަޑިއިރު އަދި ހަފުތާއަކު ފަސް ދުވަހު މަސައްކަތްކުރަމުން އައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެހެން ނަމަވެސް ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިއަކަށް ނިސްބަތްވާ މަސައްކަތްތެރިން ދުވާލަކު އަށް ގަޑިއިރު، އަދި ހަފުތާއަކު ހަ ދުވަހު މަސައްކަތްކުރަމުންދާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިއީ އެއް ހަމައަކުން މުސާރައާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ އެމްއެޗްޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ ރަސްމީ ވަގުތަށް ވުރެ އިތުރަށް މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ހަމައަށް އެއްވެސް އިނާޔަތެއް ނުދިނުމަކީ އެ މުވައްޒަފުންނަށް ވެވޭ ބޭއިންސާފެއްގެ ގޮތުގައި އެމްއެޗްޕީޔޫއިން ސިފަކޮށްފައި ވެސްވެއެވެ. އަދި ބައެއް މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަ ގަޑިއިރާއި އަށް ގަޑިއިރާ ދެމެދު ކަމަށް ބުނެ، ބައެއް ހޮސްޕިޓަލުތަކުން އެ ވަގުތަށް މުވައްޒަފުން މަސައްކަތްކުރަން މަޖުބޫރުކުރުވާފައިވާ ކަން އެމްއެޗްޕީޔޫއިން ފާހަގަކޮށްފައިވެއެވެ.
އެފަދަ ހުރިހާ ކަމަކީ މުވައްޒަފުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ.
އެހެންކަމުން، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ ހުރިހާ ގިންތިތަކުގެ މުވައްޒަފުންގެ ރަސްމީ ވަގުތު ހަތަރު ގަޑިއިރަށް ހެދުމަށާއި، އެއަށްވުރެ އިތުރަށް މަސައްކަތްކުރުވާ ނަމަ އެކަށީގެންވާ އިނާޔަތެއް ދިނުމަށް އެ ޖަމްއިއްޔާއިން ގޮވާލާފައިވެއެވެ.




