
މިއަދު މެންދުރުން ފެށިގެން ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެ، އާންމުންގެ ބޮޑެތި ޝަކުވާތަކެއް އަމާޒުވެފައި ވަނިކޮށް، މިރޭ ކަރަންޓް ދިންތާ 10 މިނެޓްވެސް ނުވަނީސް އަނެއްކާވެސް މުޅި ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.
މިއަދު މެންދުރު ފެށިގެން ހިޔާގެ އެކި ޓަވަރުތަކުން ކަރަންޓް ކެނޑެމުން ގޮސްފައިވާއިރު، މިކަމާ ގުޅިގެން ސްޓެލްކޯއިން ކުރިއާލާ އެއްވެސް އެންގުމެއް އަންގާފައެއް ނުވެއެވެ. އަދި ކަރަންޓް ކެނޑެން މެދުވެރިވި ސަބަބެއް ނުވަތަ އަލުން ކަރަންޓް ލިބޭނެ ވަގުތެއްވެސް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް "ތޭރަ އޮންލައިން" އިން ސްޓެލްކޯގެ އިސްވެރިންނަށް ތަކުރާރުކޮށް ގުޅުމުންވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނެއް ވަނީ ވަރަށް ބޮޑު ތަކުލީފެއްގެ ތެރޭގައެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން އާންމުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބޮޑެތި މުސާރަ ނަގައިގެން ރައްޔިތުންނަށް ޚިދުމަތް ދޭން ތިބި މުއައްސަސާތަކުން މިފަދަ ކަންކަމުގައި އިހުމާލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ކަމެއް ދިމާވުމުން ރައްޔިތުންނަށް "ވާނުވާ" އެންގުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށްވެސް އާންމުން ބުނެއެވެ.
ހިޔާ ސަރަހައްދުގެ ރައްޔިތުން ސިފަކުރާ ގޮތުގައި، މިރޭ ކަރަންޓް ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ކަރަންޓް ކެނޑިގެން ދިއުމުން، ހަމަ ރަނގަޅަށްވެސް މިހާރު ހިޔާ ސަރަހައްދުގެ ކަރަންޓް މިވަނީ "މުއިއްޒު" ވެފައެވެ.
މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތެއް ނުވަތަ ކަރަންޓް ކެނޑެން މެދުވެރިވި އަސްލު ސަބަބެއް އަދިވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.









