April 4, 2026
Advertisement
އީސީއިން ދެނީ އެމީހަކު ބޭނުންވާ ކަރުދާސްކޮޅެއް، ވޯޓުގެ ސިއްރުކަން ގެއްލޭނެ!
އީސީއިން ދެނީ އެމީހަކު ބޭނުންވާ ކަރުދާސްކޮޅެއް، ވޯޓުގެ ސިއްރުކަން ގެއްލޭނެ! / އިލެކްޝަންސް ކޮމިޝަން

އީސީއިން ދެނީ އެމީހަކު ބޭނުންވާ ކަރުދާސްކޮޅެއް، ވޯޓުގެ ސިއްރުކަން ގެއްލޭނެ!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 4, 2026, 01:57 AM
މާލެ ސިޓީ

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށާއި ދޭނީ އެ މީހަކު ލާން ބޭނުންވާ ވޯޓުތަކުގެ ކަރުދާސް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Advertisement

އީސީއާ ފުލުހުން ގުޅިގެން އިންތިހާބާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން މިފަދައިން ހާމަކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދެވެ.

ޒާހިދު ވިދާޅުވީ ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނަމަ، އެ މީހަކަށް ދޭނީ އެ އިންތިހާބެއްގެ ވޯޓު ލާން ބޭނުންވާ ކަރުދާސް އެކަނި ކަމަށެވެ. އެފަދަ ހާލަތެއްގައި އޮބްޒާވަރުންގެ ކުރިމަތީގައި އެކަން އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ވޯޓުލާ މީހަކު ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުންނުވާނަމަ އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރުމާ، އެމީހަކު ބޭނުންވާ ކަރުދާސް އެކަނި ދޫކޮށް އެމީހަކު ވަކި އިންތިހާބެއްގައި ވޯޓުނުލާކަން އިއުލާންކުރުމުން ވޯޓުގެ ސިއްރުކަން ކަށަވަރުކޮށްދޭ ގާނޫނީ އަސާސްތަކާ މުޅިން ހިލާފު ކަމެއް ކަމަށް ވެގެންދެއެވެ.

ވޯޓުލާން އަންނަ މީހާ ގާތު އޭނާ ވޯޓުލާން ބޭނުންވަނީ ކޮން އިންތިހާބަކަށްތޯ ސުވާލުކޮށް، ބޫތަށް ވަނުމުގެ ކުރިން އެކަން އޮފިޝަލުންނާއި އޮބްޒާވަރުންނަށް ހާމަކުރަން ޖެހުމަކީ ސިއްރު ވޯޓެއްގެ މަފްހޫމާ މުޅިން ބީރައްޓެހި އަމަލެއްގެ ގޮތުގައި ބެލެވޭނެއެވެ.

ހަމައެހެންމެ މިއީ ވޯޓުލާ މީހާގެ ޝައުގުވެރިކަން ހުރި ދާއިރާ ކުރިއާލާ ހާމަވާނެ ކަމަކަށްވާތީ، މީގެ ސަބަބުން އިންތިހާބީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، ވަކި އިންތިހާބަކަށް ވޯޓުލާން ޖެހިލުންވާ މީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަކަށް ވާނެއެވެ.

މިއީ ތިން އިންތިހާބެއް އެއް ދުވަހެއްގައި ބާއްވަން ކުރިއާލާ ރާވާ ދުވަސްތައް ހޭދަވެގެން ދިޔައިރުވެސް އެކޮމިޝަނުން ނިންމާފައި ނުވާ ނިންމުމެކެވެ. ނަމަވެސް ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމުމުން ސުވާލު އުފެދޭ ބައިވަރު ކަންކަން ފެންމަތިވެއެވެ.

އެގޮތުން ވޯޓުލާ މީހާގެ ނިންމުން ބޫތަށް ވަނުމުގެ ކުރިން ނޫނީ އަދި ފަހުންވެސް އޮބްޒާވަރުންނަށް އެނގޭ ގޮތަށް އޮތުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ފުށުއަރާ އަދި އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved