March 27, 2026
Advertisement
ދެ އިންތިހާބު އެއްކޮށްލަނީ ވެރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ: ރައީސް ޔާމީން
ދެ އިންތިހާބު އެއްކޮށްލަނީ ވެރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ: ރައީސް ޔާމީން / ތޭރަ އޮންލައިން

ދެ އިންތިހާބު އެއްކޮށްލަނީ ވެރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 27, 2026, 04:29 PM
މާލެ ސިޓީ

ގައުމުގައި ބާއްވާ މައި ދެ އިންތިހާބު އެއްކޮށްލަން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޕީއެންއެފްގެ ސަރުކާރުން އެމަނިކުފާނުގެ އިސްނެންގެވުމާ އެކު މަސައްކަތްކުރަނީ ރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ ވެރިކަމުގެ ދެމިހުރުމަށް މަގެއް ހޯދުމުގެ ގޮތުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެޕްރިލް 4 ވަނަ ދުވަހު ބާއްވާ ރިފަރަންޑަމް ވޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޯޑުވުންތަކާ ބައެއް ސުވާލުތަކަށް ޖަވާބު ހޯދައިދިނުމުގެ ގޮތުން ރައީސް ޔާމީންގެ އިސްނެންގެވުމާ އެކު ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ އާޓީފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވާފައިވެއެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ބޮޑު ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވެސް އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުއްލިގޮތަކަށް އެކަންކުރަން ރައީސް މުއިއްޒު ނިންމެވީ ވެރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ ދެ އިންތިހާބު އެކުގައި ބާއްވައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އެކަން ކުރެވިދާނެ ކަމަށް ވިސްނިވަޑައިގަންނަވާތީ ކަމަށްވެސް އެމަނިކުފާނު ތުހުމަތުކުރައްވާފައިވެއެވެ.

ހަމައެހެންމެ މިފަދަ ވޯޓެއް ނަގަންވާނީ އިލްމީ ބަހުސްތައް ކުރެވި، މިއީ ކިހިނެތްވާ ކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އަންގައިދީގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެ އިންތިހާބު އެކުގައި ބާއްވަނީ ހަރަދު ކުޑަކުރަން ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ވިދާޅުވުމަކީ ބުހުތާނު ދޮގު ކަމަށް ޔާމީން ވިދާޅުވި އެވެ. ސަބަބަކީ މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން ލަފާދިނުމުން ވެސް ހަރަދު ކުޑަކުރަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ކީއްވެކަން އިންސާނަކަށް ގަބޫލުކުރެވޭ މިންވަރަށް މި ސަރުކާރަށް ބުނެނުދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށް، މި ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުމަށް ޖާގަދެއްވުމަށް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ވެސް ގޮވާލައްވާފައެވެ.

މިފަދަ ވޯޓެއް ނަގަންވާނީ ދިވެހި ރައްޔިތުންނަށް މީގެއެކޮޅު މިކޮޅު އެނގޭ މިންވަރަށް ބަހުސްތަކެއް ކުރެވިގެން. ކީއްވެގެންތޯ ގާނޫނުއަސާސީ އެކުލަވާލަން 18 އަހަރު ނެގީ؟ ހަރަދުކުޑަކުރުމަކީ މި ސަރުކާރަށް އެއްވެސް މުހިންމު ކަމެއް ނޫންއަޅުގަނޑު މިއަދު ރައްޔިތުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ކުރާ އިލްތިމާސަކީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ޒިންމާއެއް އެބައޮތޭ، ގާނޫނީ ހުވައެއް ކޮށްގެނޭ ތިތިބީ. ވަގުތު ދެއްވާށޭ. ޖާގަދެއްވާށޭ

ރައީސް ޔާމީން

އެމަނިކުފާނު ވަނީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށްވެސް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved