
ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓާއި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވެގެން މައްސަލަ ޖެހުނު ވޯޓުފޮށި އަލުން ގުނިއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން، އެމްޑީއޭގެ މުހައްމަދު ޝާހިދާއި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބިފައިވަނީ ކޮންމެ ބޭފުޅަކަށް 392 ވޯޓެވެ. ނަމަވެސް، މައްސަލަ ޖެހިގެން މިއަދު އަލުން ގުނި މީދޫ 2 ނަންބަރު ވޯޓުފޮށިން ޕީއެންސީގެ ސުހާއަށް ލިބުނު ވޯޓެއް ބާތިލުވުމާ ގުޅިގެން، އޭނާގެ ވޯޓުގެ އަދަދު ވަނީ 391 އަށް މަދުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މި ވޯޓު ބާތިލުކުރަން ނިންމީ، ވޯޓު ކަރުދާހުގައި ދެ ފަހަރަށް ރަނގަޅު ފާހަގަ ޖަހާފައި ހުރުމުގެ ސަބަބުންނެވެ. މި ބަދަލާއެކު، އެއް ވޯޓުގެ ތަފާތުން މީދޫ ކައުންސިލްގެ ރައީސްކަން ޝާހިދަށް މިހާރު ވަނީ ކަށަވަރުވެފައެވެ. މި މަގާމަށް އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމަށް ލިބުނީ 100 ވޯޓެވެ.
މީދޫގެ އެހެން ގޮނޑިތަކަށް ބަލާއިރު، ކައުންސިލްގެ ދެ ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އެއް ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެމްޑީއޭ އިން ވަނީ ޑަބްލިއުޑީސީގެ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.
މި އިންތިޚާބުގައި މީދޫން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.15 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު، މި ފަހަރުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން ފަސް ސިޓީގެ މޭޔަރުކަމާއި، ސިޓީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެ ޕާޓީން ވަނީ ހޯދާފައެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައިވެސް ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެ ވޯޓުގައި ބައިވެރިވި މީހުންގެ 68 އިންސައްތަ ރައްޔިތުން ނިންމާފައިވަނީ ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.



