April 8, 2026
Advertisement
އެކުގައި އުޅުނު ބައެއް ގާތް މީހުންގެ ނަސޭހަތް ކޮޅެއް މުއިއްޒަށް!
އެކުގައި އުޅުނު ބައެއް ގާތް މީހުންގެ ނަސޭހަތް ކޮޅެއް މުއިއްޒަށް! / ތޭރަގްރެފިކްސް

އެކުގައި އުޅުނު ބައެއް ގާތް މީހުންގެ ނަސޭހަތް ކޮޅެއް މުއިއްޒަށް!

Apr 7, 2026, 09:26 PM
މާލެ ސިޓީ

ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު ރައީސް މުހައްމަދު މުއިއްޒުގެ ކުރީގެ ބައެއް ގާތް ބޭފުޅުންގެ ޝުއޫރުތައް ހާމަކޮށްފިއެވެ.

Advertisement

އެގޮތުން މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ރައީސް މުއިއްޒުގެ އެންމެ ގާތް އެކަކު ކަމުގައިވާ، ރައީސް އޮފީހުގެ ކުރިގެ މިނިސްޓަރު އާދަމް ރަމީޒުވަނީ އެކްސްގައި މާނަފުން ބައިތުތަކެއް ދޫކޮށްފައެވެ. 

އެގޮތުން 

'އެންމެ ނިކަމެތި ދުވަހުގައި ދެމިތިބޭނީ ހެޔޮ އެކުވެރިން

ފެން އޮތީމާ މަސް ދުވާހެން ކެހިވެރިންނޭ އެ ޖަމާވަމުން'

އެއް ބައިތުގައި އޭނާ ވިދާޅުވި އެވެ.

'ތެޔޮ، ފެނާ އެކުވާނެތޯއޭ؟ ތެޅުވިޔަސް އެއްހަން ތެރޭގައި

ހެޔޮނުވާނޭ އެ ފަދަ ހީއެއް ތެދުކުރާކަށް ފެނި ކުޅިސަމާ'

މިއި ރަމީޒު ރައީސް މުއިއްޒަށް ރައްދު ކުރެއްވި ބަސްތަކެކެވެ. ރައީސް މުއިއްޒުވަނީ ރައީސް ކަމަށް ވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަމީޒުއާ އޭނާގެ އޭރުގެ އަނބިކަނބަލުން ޝަމްނާޒު ސަލީމާ މެދުވެސް ނުހަނު އިހާނެތިކޮށް ކަންކޮށް ބޮޑެތި އިލްޒާމުތައްވސް އެމީހުންގެ ބޮލުގައި އަޅުވާފައެވެ.

ރަމީޒުގެ އިތުރުން ދެން އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ބަހެއް ބުނެފައިވަނީ ޕިއެސްއެމްގެ ކުރިގެ އެމްޑީ ޒީނާ ާހިރުއެވެ. އޭނާ އެ މަގާމުގައި ހުރި ދުވަހުން ފެށިގެން ގޮސް ފަހުން އޭނާ ބްރޮޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލުމާ ހަމައަށްވެސް ކުރިމަތި ކުރުވި ފިއްތުންތަކާ އޭނާއާ މެދުވީ ބޭއިންސާފު ހަނދާނަށް ގެނެސް ޒީނާ ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގެން ނާއިންސާފު، ވަރަށް ރަނގަޅަށް ހަނދާން ހުންނެވި ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، ބްރޯޑްކޮމްގެ އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިވަޑައިގަތުމަށް ފަހު ވެސް، މަޖިލީހުން އޭނާއަށް ރުހުން ނުދިން ހަބަރު ހިއްސާކުރަމުންނެވެ.

އޭނާ އެދިވަޑައިގެންފައިވަނީ، ރައްޔިތުންގެ އިތުބާރު ހޯއްދަވަން ބޭނުންވެ ވަޑައިގަންނަވާ ނަމަ، އިންސާފުވެރިކޮށް ނިންމެވުންތައް ނިންމެވުމަށެވެ.

މީގެ އިތުރުން މި ވެރިކަމުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލްވެސް ވަނީ ނުހަނު މާނަފުން ބަސްތަކެއް ދޫކުރައްވާފައެވެ.

އިންތިހާބަށް ފަހު ރައީސަށް މެސެޖެއްގެ ގޮތުގައި ފައިސަލް ދޫކުރީ ބައްޕަގެ ޅެންފޮތް، 'ބަނަފްސާ'ގައިވާ ޅެމެއްގެ ބައިތުކޮޅެކެވެ. އެ ޅެމުގައި ވަނީ ދުނިޔެ ދައްކާ ކުލަތަކުގެ ހަގީގަތެވެ.

'ދާނެޔޭ މިއަދު އިނގޭ އިއްޔެ އަކަށް ބަދަލުވެގެން،

ވާނެ މާދަން މިއަދަށް ދުނިޔެ ހިނގާނަމަ އޮވެގެން'

މާނަފުން މި ބަސްތަކަށް ފަހު އިތުރު އެއްވެސް އެއްޗެއް ފައިސަލް ލިޔެފައިނުވެއެވެ.

ފައިސަލްއާ ބައްޕަވެސް މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރިއިރު މިހާރު ފައިސަލްގެ ބައްޕަ އަބްދުއްރަހީމުވެސް ހުންނަނީ ސަރުކާރު ތެރެއިން ބާކީ ކޮށްފައެވެ.

އިންތިހާބުގައި ރައީސް މުއިއްޒަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ އިޚްލާސްތެރިންނާ މެދު ކަންކުރެއްވި އިހާނެތިކޮށް ހިތުން ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved