
ޕީއެންސީއާ މެދު ހިތްހަމަ ނުޖެހި، ރައްޔިތުންގެ މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވާހަކަ ދައްކަވާ އޯޑިއޯއެއް ދައުރުވާން ފަށައިފިއެވެ.
ހަސަން ކުރުސީގެ ނަމުުގައި އެކްސްގައި ހިންގާ އެކައުންޓުން ދައުރުކޮށްފައިވާ އެ އޯޑިއޯގައި އިވިގެން ދަނި އަސްމާއްތައާ އަދި އިޝާމް ކިޔާ ޒުވާނަކާ މެދު ކުރެވުނު ފޯނުކޯލެއްގެ އަޑުކަމަށްވެއެވެ.
ޕީއެންސީ ތެރޭގައި އިންތިހާބުގެ ކަންކަން ކުރިއަށްދިޔައިރު އަސްމައްތަ ފެއަށް ޖައްސާ ދާއިރާގެ ކަންކަމުން ބާކީކޮށްފައި ހުރިކަން އޯޑިއޯއިން ހާމަވާއިރު، އަސްމައްތަވަނީ ދާއިރާ އޭނާގެ އެހީއާ ނުލާ ނުނެގޭނެ ކަމަށްވެސް ބުނެފައެވެ.
މީގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލް ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރި އާސިޔަތު ރީޝާގެ ކެމްޕޭންގައި ވެސް ބައިވެރިނުވުމަށާ ބައިވެރިވާން ޖެހޭނީ ވަޒީފާގެ ޕްރޮމޯޝަން ފިނުމުން ކަމަށް ބުނެ އެ ޒުވާނާއާ ވާހަކަ ދައްކާފައެވެ. އަދި މިހާރު ޕީއެންސީ ތެރޭގައި ގިނައީ ވަޒީފާގެ މާހައުލުގައި ބަދު އަޚުލާގީކަންކަން ހިންގާ ފިޔަވަޅުވެސް އަޅާފައި ތިބި މީހުން ކަމަށް އަސްމައްތާ ވިދާޅުވާ އަޑުވެސް އިވެއެވެ.
އަސްމައްތަ ވަނީ އޭނާ އޮންބޯޑުކޮށްގެން ދެން ޕިއެންސީއަށް އިންތިހާބުގައި މަސައްކަތް ނުކުރެވޭނެ ކަމަށާ އަސްމައްތައަށް ވަރަށް ގޮތްގޮތް ޕީއެންސީއިން ހަދައިފި ކަމަށް ވެސް ވިދާޅުވެފައެވެ. އެއާ އެކު ޒުވާނާ ވަނީ އަސްމައްތަގެ ގޮނޑި ގެއްލޭވަރުކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަސްމައްތަ ޖަވާބުގައި ވިދާޅުވެފައިވަނި އެކަމަނާ ގައިގައި އަތްވެސް ނުލެވޭނެ ކަމަށާ ގޮނޑި ގެއްލުވާލައިނަމަ އެމްޑީޕީގެ މީހުންގެ ވެސް ވޯޓާއެކު އަނބުރާ އިންތިހާބުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުުރުން ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް ބޮޑެތި ޚަރަދުކޮށްފައިވާން ކަން ފާހަގަކުރައްވާ އަސްމައްތަ ވިދާޅުވެފައިވަނީ ކުރިއަށް އޮތް އިންތިހާބުވެސް ރައީސް މުއިއްޒަށް އެކަމަނާގެ އެހީއާ ނުލާ ނުނެގޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަސްމައްތަވަނީ އެ އޯޑިއޯގައި ޕީއެންސީގެ އެތެރޭގެ ކަންކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ނުރުހުމުގެ އެތައް ބަސްތަކެއް ދޫކުރައްވާފައެވެ.
އަސްމައްތަ ވިދާޅުވެފައިވާ ގޮތުގައި އެކަމަނާއަކި ދާއިރާގެ ގިނަ ރައްޔިތުންގެ ލޯބި ނުހަނު ބޮޑަށް ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވުމުން އެކަމަނާގެ ބަސް އެ ރައްޔިތުން ކުރިމަތީ ވިކޭނެކަމަށެވެ. އަދި މި އިންތިހާބުގައި ވެސް ރައްޔިތުން އެކަމަނާއަށް ގުޅާ ވޯޓާ މެދު ކަންކުރަންވީ ގޮތުގައި ލަފާ އަހާފައިވާކަން ފާހަގަކުރައްވާ އަސްމައްތަ ވަނީ ރައީސް މުއިއްޒަށް ވެސް ރިޔާސީ އިންތިހާބު އެކަމަނާއާ ނުލާ ނަގަން އުނދަގޫވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަސްމައްތަ މިފަދައިން ވިދާޅުވެފައިވާއިރު، މާފަންނުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމުގެ ކުރިން އެމަނިކުފާނާ ސުވާލުކުރަން ބޭނުންވާ މީހުން ނަންނޯޓްކުރުމުގެ މަސައްކަތް އަސްމައްތަ ކުރެއްވުމުން އެކަމާ ކޯފާވެ ރައީސް މުއިއްޒު ވަނީ އެކަމަނާއަށް ފިޔަވަޅު އަޅާފައެވެ.










