April 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީގެ ބައެއް ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 18, 2026, 11:36 AM
މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު ވަނީ ފަށާފައެވެ.

Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި މިއަދު ހެނދުނު 08:00 ގައި ފެށި ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ދެވަނަ ބުރެއް ބާއްވަން ޖެހުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ. މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތައް ގާއިމުކޮށްފައިވަނީ ކަމާބެހޭ ރަށްތަކާއި ސިޓީތަކުގެ އިތުރުން މާލެ ސިޓީގައެވެ.

މިއަދު ވޯޓުލުން ކުރިއަށްދާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

 ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި، 

ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ގޮނޑި،

 ހއ. ކެލާ ޑަބްލިޔުޑީސީގެ ރައީސް،

އަދި ހދ. ނޭކުރެންދޫ އާއި ލ. މާވަށް ޑަބްލިޔުޑީސީގެ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ ކައުންސިލާއި ޑަބްލިޔުޑީސީގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްވެސް ނަގައިފައެވެ. އީސީން ބުނީ މިއަދު ބާއްވާ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved