May 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަތްމަންދޫ އާއި ރަކީދޫގެ ޑަބްލިއުޑީސީ އިންތިޚާބު އަންނަ މަހު ބާއްވަނީ، ކުރިމަތިލުމަށް ހުޅުވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 3, 2026, 07:48 PM
މާލެ ސިޓީ

މ. ރަތްމަންދޫ އާއި ވ. ރަކީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަން އަންނަ މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ރަށުގެ ޑަބްލިއުޑީސީ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. މި އިންތިޚާބު އަލުން ބާއްވަން ޖެހުނީ، މީގެ ކުރިން ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެކަށީގެންވާ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި އިންތިޚާބުގައި ރަތްމަންދޫގެ ޑަބްލިއުޑީސީއަށް ރައީސަކާއި ދެ މެންބަރުން އިންތިޚާބު ކުރަން ޖެހޭއިރު، ރަކީދޫ ކޮމިޓީއަށް އިންތިޚާބު ކުރަން ޖެހެނީ ރައީސަކާއި މެންބަރެކެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އެވެ.

ރާއްޖޭގައި އެންމެ ފަހުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

އާބާދީގެ ގޮތުން ކުދި މި ދެ ރަށުގެ ތެރެއިން ރަކީދޫއަކީ ގާތްގަނޑަކަށް 100 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި ރަތްމަންދޫގައި ދިރިއުޅެނީ ގާތްގަނޑަކަށް 240 އެއްހާ މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved