June 15, 2026
Advertisement
ރައީސް މުއިއްޒު އަޒުލުކުރަން ޖެހޭ، އެ ނޫން އޮޕްޝަނެއް ނެތް: ރައީސް ޔާމީން
ރައީސް މުއިއްޒު އަޒުލުކުރަން ޖެހޭ، އެ ނޫން އޮޕްޝަނެއް ނެތް: ރައީސް ޔާމީން / އަދަދު

ރައީސް މުއިއްޒު އަޒުލުކުރަން ޖެހޭ، އެ ނޫން އޮޕްޝަނެއް ނެތް: ރައީސް ޔާމީން

Jun 15, 2026, 01:54 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު އަޒުލުކުރަން ޖެހޭ ކަމަށާ ދިވެހިންނަށް މިހާރު އެ ނޫން އޮޕްޝަނެއް ނެތް ކަމަށް ޕީއެންއެފްގެ ރައީސް،  ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ގާނޫނުތަކަށް ގޮން ޖައްސަވާ ވެރިކަން ކުރައްވާތީ ނުރުހުން އަމާޒުކުރައްވާފައެވެ.

ރައީސް ޔާމޏް ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ބަދަލުތައް ގެނައުމަކީ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުން ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮތް ބާރެއް ކަމަށާ، ބަޖެޓުގެ ކަންކަން ރާވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ބޭނުންހާ ގޮތަކަށް ބަދަލު ކުރެއްވޭ ގޮތަށް ނޫން ކަމަށެވެ.

އެގޮތުން ދައުލަތް ހިންގަން ޖެހޭނީ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުގެ އިމުގެ ތެރެއިން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ކަން އެހެން އޮތް ނަމަވެސް، މިހާރު ފެންނަމުންދަނީ ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުތައް ބޮޑުވެގެންދާ މަންޒަރު ކަމަށެވެ.

ބަޖެޓު އިތުރުކުރަން ބޭނުންނަމަ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަން ވެސް އިތުރަށް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ، ބޮޑު ބަޖެޓެއް އޮވެމެ ތަރައްޤީގެ މަސައްކަތެއް ނުހިނގާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ކޮރަޕްޝަންގެ ތުހުމަތުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާ އަދި ދައުލަތުގެ ޓެންޑަރ ބޯޑު އުވާލާފައިވާތީ، މިހާރު މަޝްރޫޢުތައް ދެމުންދަނީ ރައީސުލްޖުމްހޫރިއްޔާ ރުއްސަވާ ވަކި ބަޔަކަށް ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

އެއީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ވެރިކަން ކުރުމުގެ ހުރިހާ އުސޫލުތަކެއް މުގުރާލުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޤާނޫނުއަސާސީން ދައުލަތުގެ ބާރުތައް ވަކިކޮށް، ފާރަވެރިވުމުގެ ނިޒާމެއް ގާއިމްކޮށްފައި އޮތް ނަމަވެސް، މިހާރު ހުރިހާ ބާރެއް ރައީސްގެ އަތްޕުޅަށް ކަހާލަމުންދާއިރު ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ ފަނޑިޔާރުންވެސް އަޅާނުލާ ތިއްބެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. ބާރުތައް އެއްކުރުމަކީ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ ނުރައްކާތެރި ކަމެއް ކަމަށާއި، މި ނިޒާމު އިސްލާހު ނުކުރެވިއްޖެނަމަ ގައުމު ފަހަތަށް ސޮއްސާލައިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ރައީސް ޔާމީން ދެއްވިއެވެ.

ހަމައެހެންމެ، ޤައުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބުން، ރައީސް މުޢިއްޒު މަޤާމުން އިސްތިއުފާ ދެއްވުން ނުވަތަ ޤާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު އަޒުލު ކުރުން ނޫން އިތުރު ގޮތެއް މިހާރު ޤައުމަށް ނެތް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެބައެއްގެ ކަންކަމާއި ގާނޫނުތައް ހަދާފައި ހުންނަނީ އެބައެއްގެ ތަޖުރިބާއަށް ބަލައިގެން ކަމަށާއި ހުރިހާ ގައުމުތަކެއްގައި ގާނޫނު އެއްގޮތް ވާން ނުޖެހޭ ކަމަށެވެ. ރާއްޖެއިން ވެސް މިތަނަށް ފެތޭ ގާނޫނުތަކާއި ނިޒާމުތައް ހަދައި އެކަމަށް އަވަސް ހައްލުތަކެއް ގެންނަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved