
ފީފާ ވޯލްޑް ކަޕްގެ ތެރެއިން ހުކުރު ނަމާދަށް އިސްކަންދިނުމަށް ސެނެގާލްގެ ޓީމުން ނިންމި ނިންމުން، އެ ޓީމުގެ ހެޑް ކޯޗު ޕޭޕޭ ތިއާވް ވަރަށް ފުރިހަމައަށް ދިފާއުކޮށް، ގިނަ ބައެއްގެ ތައުރީފާއި ސަމާލުކަން ހޯދައިފިއެވެ.
ނިއު ޖާޒީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޫސުން ގޯސްވެ ގަދަ ވައިޖެހެމުން ދިޔަ ވަގުތެއްގައި އަދި ސަލާމަތީ ކަންބޮޑުވުންތަކެއް ހުރި މާހައުލެއްގައި، ސެނެގާލްގެ ޓީމުން ހުކުރު ނަމާދަށް ދިއުމަށް ހޮޓަލުން ނުކުތީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، ކޯޗު ތިއާވް ވަނީ ވަރަށް ވަރުގަދަ ރައްދެއް ދީފައެވެ.
"ނަމާދަށް ވުރެ މުހިންމު ކަމެއް އޮވެދާނެތޯ؟ އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ ތިޔަބޭފުޅުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަކަށް. ތިޔަބޭފުޅުން ވައިރޯޅިއަށް ބިރުގަންނައިރު، އަހަރެމެން ބިރުވެތިވަނީ ﷲ އަށް،" ތިއާވް ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފުޓްބޯޅައަކީ މުނިފޫހިފިލުވުމުގެ ކުޅިވަރެއް ކަމަށާއި، ނަމަވެސް އިންސާނުން އުފެއްދެވީ ﷲ އަށް އަޅުކަން ކުރުމަށްކަން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެ ކަމަށެވެ.
ސެނެގާލްގެ ކޯޗުގެ ވާހަކައިގައި އީމާންތެރިކަން ކުޅިވަރަށް ވުރެ މަތީގައި އޮންނަންޖެހޭނެކަން ހާމަކުރައްވަމުން ފާހަގަކުރީ، ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮތް ދުވަހެއް ނަމަވެސް، ހުކުރު ނަމާދަށް ވަގުތު ހޯދާނެ ކަމަށެވެ. އަދި ނަމާދަށް ދިއުމުގެ ސަބަބުން ޗެމްޕިއަންކަން ގެއްލުނު ކަމުގައި ވިޔަސް، އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކޯޗަށް ތައުރީފު ކުރަމުންނެވެ. ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ޕްރެޝަރުގެ ތެރޭގައި ހުރެމެ، ދީނީ ގަބޫލުކުރުންތަކަށް ދިން އިސްކަމަކީ ގިނަ ބަޔަކަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ގިނަ ސަޕޯޓަރުން ސިފަކުރެއެވެ. ތިއާވްގެ މި ބަސްތަކުން ހަނދާންކޮށްދިނީ، ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރަށް ވުރެ ވެސް މަތިވެރި އަގުތަކެއް އިންސާނާގެ ދިރިއުޅުމުގައި ހުންނަންޖެހޭނެ ކަމެވެ.










