
ރަސްމާލެ ނުވަތަ ފުށިދިއްގަރު ފަޅު ހިއްކަން ހަވާކުކޮށްފައިވާ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދޭތީ ކަމަށް ބުނެ އެ ކުންފުނިން ސަރަހައްދު ހިއްކުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.
ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއި އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏާއެވެ. އެ ދެ ކުންފުނިންވެސް ހާމަކޮށްފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީއާއި އެމްއޭސީއެލްއަށް މި މައްސަލައިގައި ޝަކުވާ ހުށަހެޅުމުންވެސް އެދެވިގެންވާ ޖަވާބެއް އެ ފަރާތްތަކުގެ ކިބައިން ލިބިފައިނުވެއެވެ. އަދި އީރާނު ހަނގުރާމަ ފެށުމުގެ ކުރިންވެސް، ފައިސާ ލިބެމުން ނުދާ ކަމަށް އެ ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ގަވާއިދުން ފައިސާ ނުލިބޭކަން އެ ކުންފިނުތަކުން ފާހަގަކޮށްފައިވެއެވެ.
މަޝްރޫއުގެ މަސައްކަތުގެ އަގު ސަރުކާރުން އަދާނުކުރާތީ، އެ މަޝްރޫއު ކުރިއަށްގެންދެވެން ނެތްކަމަށް ކޮންޓްރެކްޓަރުން ވަނީ ބުނެފައެވެ. ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ، މިހާރު އެ ކުންފުނިތަކުން ގެންދަނީ ލިބެން ޖެހޭ ފައިސާ ހޯދުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ބިޑުކުރުމަކާ ނުލައި ސަރުކާރުން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އެވޯޑުކޮށްފައިވާ މި މަޝްރުއުގެ މި މައްސަލައާ ގުޅިގެން ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.










