
ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ކުރަމުންދާ އިހުތިޖާޖުތަކާ ގުޅުވާ އިލެކްޝަން ކޮމިޝަނުން އެ ޕާޓީއަށް ފޮނުވީ ގާނޫނުތަކާ ފުށުއަރާ ފެންވަރު ދަށް ސިޓީއެއްގެ ގޮތުގައި، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސިފަކުރައްވައިފިއެވެ.
މަލީހު މިފަދައިން ސިފަކުރައްވާފައިވަނީ އެ ސިޓީއާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވެފައިވަނީ، ޕީއެންއެފްގެ މުޒާހަރާތަކާ ގުޅުވައިގެން އީސީން ފޮނުވި އެ ސިޓީއަކީ ސަރުކާރުގެ ނުފޫޒުން ފޮނުވާފައިވާ އެއްޗެއް ކަމަށެވެ. އަދި އެއީ މީޑިއާއާ ހިއްސާކުރާ ވަރަށްވުރެވެސް ފެންވަރު ދަށް ސިޓީއެއްގެ ގޮތުގައި ވެސް މަލީހު ވަނީ ސިފަކުރައްވާއެވެ.
މަލީހުވަނީ ސިޓީގެ ގާނޫނީ ޖަވާބު އީސީއަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީނަށް އެޑްރެސް ކުރައްވާ އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ސޮއިކުރައްވާ ފޮނުވި ސިޓީއެއްގައި ވަނީ، ޕީއެންއެފުން މިހާރު ކޮންމެ ރެއަކުހެން މަގުމަތީގައި ހިންގާ ހަރަކާތްތަކުން އާއްމުންގެ މެދުގައި ނަފްރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށް ތުހުމަތުކޮށް އެފަދަ ކަންކަން ހުއްޓާލުމަށް އަންގާފައެވެ.
މުޒާހަރާތަކުގައި އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކަން ކުރަނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށް ބުނެ އެ ފަދަ އެއްވުންތަކުގައި ވަކި ކަންތައްތަކެއް ނުކުރުމަށް ވެސް ސިޓީގައި އިލްތިމާސްކޮށްފައިވެއެވެ.
ޕީއެންއެފަށް މުޒާހަރާގެ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އީސީއިން ސިޓީއެއް ހުށަހަޅާފައިވާއިރު، އެ މުޒާހަރާތައް ލައިވްކޮށް ދައްކާ ޓީވީ ސްޓޭޝާން ކަމަށްވާ، ޗެނަލް13އަށް މީޑިޔާ ކޮމިޝަނުން ވަނީ އެ މުޒާހަރާތައް ލައިވްކޮށް ނުދެއްކުމަށް މުއްދަތެއް ނެތް ގޮތަށް އަންގާ ސިޓީ ފޮނުވާފައެވެ.
އެހެންކަމުން މިއީ ސީދާ ސަރުކާރަށް ފާޑުކިޔާ މީހުންގެ ޚިޔާލު ފާޅުކުރުމަށް ސަރުކާރުން ޕްރެޝަރކޮށްގެން ހިންގާ ކަމެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.










