
ޣައްޒާގެ ބްލޮކޭޑް މުގުރާލުމަށްފަހު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި ފްލޮޓިލާގައި ބައިވެރިވެ، ސަހްޔޫނީން ހައްޔަރުކުރި އެކްޓިވިސްޓެއްގެ މަންމަ، ދަރިފުޅުގެ އިންތިޒާރުގައި ހުއްޓާ ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާއާއެކު، ސަހްޔޫނީންގެ ބަންދުގައި ހުރި އެ ޒުވާން އެކްޓިވިސްޓަށް އޭނާގެ މަންމައަށް އެންމެ ފަހުގެ އަލްވަދާއު ކިޔުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
ސޮލިޑަރިޓީ ގްރޫޕްތަކުން ހާމަކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، އެކްޓިވިސްޓް ހައްޔަރުކުރި ޚަބަރާއެކު އޭނާގެ މަންމަގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އާއިލާގެ މެންބަރުން ބުނާ ގޮތުގައި، މަންމަގެ އެންމެ ފަހު ދުވަސްތައް ހޭދަކުރީ ނުހަނު ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. އޭނާގެ އެންމެ ފަހުގެ އުންމީދަކީ މަރުވުމުގެ ކުރިން ދަރިފުޅުގެ އަޑު އިވުން ނުވަތަ އެ މޫނު ފެނުމެވެ. ނަމަވެސް، އެ އުންމީދު ފުރިހަމަނުވެ އޭނާ ވަނީ މި ދުނިޔެއާ ވަކިވެފައެވެ.
މި އެކްޓިވިސްޓަކީ ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ބައިނަލްއަގްވާމީ ފްލޮޓިލާ ސަހްޔޫނީން ސިފައިން ހުއްޓުވައި، އޭގައި ތިބި މީހުން ބަންދުކުރި އިރު ހައްޔަރުކުރި ވޮލަންޓިއަރެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ މި ހައްޔަރުކުރުންތަކަކީ ޣައްޒާގެ ހާލަތާ މެދު އަޑުއުފުލާ ފަރާތްތައް ހިމޭންކުރުވުމަށް ހިންގާ ލާއިންސާނީ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ހިތާމަވެރި ހާދިސާގެ ފޮޓޯތަކާއި ޚަބަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު މިކަން ސިފަކުރަނީ ހަނގުރާމައާއި އަޅުވެތިކަމުގެ ސަބަބުން އިންސާނިއްޔަތަށް ލިބޭ އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައެވެ. ހާއްސަކޮށް، މަންމަގެ ހާލަތު ބޮޑުވެފައިވާއިރުވެސް އިންސާނީ ކަންކަމަށް ސަހްޔޫނީން އިސްކަން ނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
"މިއީ ސިޔާސީ ކަމެއް ނޫން، މިއީ އިންސާނީ ކަމެއް. ދަރިފުޅު ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ހުރި މަންމައަކު އެ އިންތިޒާރުގައި ވަނިކޮށް މަރުވެގެން އެދިޔައީ،" އޮންލައިންކޮށް އެކްޓިވިސްޓަކު ލިޔެފައިވާ ޝުއޫރެއްގައި ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން، އިސްރާއީލުގެ ބަންދުގައި ތިބި އިންސާނީ އެހީތެރިކަމުގެ ހުރިހާ ވޮލަންޓިއަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލާ އަޑުތައް މިހާރު ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގަދަވެފައެވެ. މި ހިތާމަވެރި ވަކިވުމަކީ ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު އިތުރު ހިތްދަތިކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.










