
ރައީސް އަބްދުﷲ ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުހައްމަދު މުއިއްޒުކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިއަކު ވަނީ ސިނަމާލެ ބްރިޖުގެ މަޝްރޫއުއާ ގުޅޭގޮތުން މިނިސްޓަރު ސައީދު ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް ސުވާލު ކޮށްފަ އެވެ. އަދި އެ މަޝްރޫއުގައި ރައީސް ޔާމީންގެ ދައުރެއް ނެތްތޯ ސުވާލުކުރުމުން ސައީދު ވިދާޅުވީ ސިނަމާލެ ބްރިޖު މަޝްރޫއުގެ އެންމެ ބޮޑު ކްރެޑިޓެއް ލިބޭނީ ރައީސް ޔާމިނަށް ކަމަށާއި، ރައީސް ޔާމީނަށް ފުރިހަމަ އިހުތިރާމް އޮންނާނެ ކަމަށެވެ.
"ނޫން، ނޫން، ރައީސް ޔާމީނަށް ވަރަށް ބޮޑު ކްރެޑިޓެއް. އެމަނިކުފާނަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް. އެ މަނިކުފާނަކީ ހަމަ ވަރަށް ވިޝަނަރީ ބޭފުޅެއް. އަޅުގަނޑު ދެންނެވި އެއްޗަށް އަނެއްކާވެސް އޮޅުވާލީ، ރައީސް ޔާމީނަށް އޮންނަންވާ ފުރިހަމަ އިހުތިރާމު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތްޕުޅުގައި އަބަދުވެސް އޮވޭ. އޮންނާނެ. އެ އެއްޗެއް ބަދަލެއް ވެސް ނުވާނެ. ރައީސް މުއިއްޒަކީ ރައީސް ޔާމީނަށް އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ އެންމެ ރައީސް ޔާމީން އަރިހުގައި ހުންނަން ބޭނުންފުޅުވާނެ އެއް ބޭފުޅަކު އެއީ. އެހެންވީމާ، ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީންނާ ދޭތެރޭގައި އެއްވެސް ކަހަލަ ހިތްބުރަ ކަމެއް އޮވެދާނެ ކަމަކަށް އަޅުގަނޑު އަދި ރާއްޖެ ޓީވީން ތިޔައިން ބުންޏަކަސް ގަބޫލެއް ނުކުރާނަން އިނގޭތޯ." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒަކީ ރައީސް ޔާމީނުގެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅާ ކަމަށާއި، ރައީސް ޔާމީން އަރިހުގައި ހުންނަން ބޭނުންފުޅުވާނެ އެއް ބޭފުޅާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީންނާ ދޭތެރޭގައި އެއްވެސް ކަހަލަ ހިތްބުރަ ކަމެއް ނޯންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.




