
ނުރައްކާތެރި ހަންޓާވައިރަސް ނުވަތަ "ރެޓްވައިރަސް"އިން ދިފާއުވުމަށް ވެކްސިނެއް ހެދުމުގެ މަސައްކަތް އިނގިރޭސިވިލާތުން ފަށައިފިއެވެ.
ގިނަ އަހަރުތަކަކަށްފަހު އަނެއްކާ ވެސް މި ވައިރަސް ފެނިފައިވަނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރު ކުރާ ނެދެލޭންޑްސްގެ ކްރޫޒްލައިނާއެއް ކަމަށްވާ "އެމްވީ ހޮންޑިއަސް" އިންނެވެ. ދުނިޔޭގެ އެންމެ ދެކުނުގައި އޮންނަ އާޖެންޓީނާގެ އުޝުއާޔާއިން ދަތުރުފެށި މި ކްރޫޒްލައިނާ ވަނީ ދަތުރުގެ ކުރިން އާޖެންޓީނާގެ އެކި ސަރަހައްދުތަކަށް މަޑުކޮށްފައެވެ.
މި ވައިރަސް އަލުން ފެށުމާއެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔޫރަޕިއަން ސެންޓާ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން ވަނީ އެކަން މޮނިޓާ ކުރަން ފަށާފައެވެ.
މި ވައިރަސްއަކީ ނުރައްކާތެރި ވައިރަސްއެއް ކަމަށްވާއިރު، އިނގިރޭސިވިލާތުން ވަނީ މި ވައިރަސްއިން ރައްކާތެރިވުމަށް ވެކްސިން ހަދަން ފަށައި، މަސައްކަތް އަވަށްކޮށްފައެވެ. އެގޮތުން ޔުނިވާސިޓީ އޮފް ބާތްގައި މި ދިރާސާތައް ކުރަމުން އަންނައިރު، މިއަހަރު އިންސާނުންނަށް ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާ ކުރިއަށްދާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
މި ވައިރަސްއަށް މިހާތަނަށް ވެކްސިނެއް އުފެއްދިފައިނުވާއިރު، ނޭވާ ލުމަށް ދަތިތަކެއް ކުރިމަތިވާ މި ބަލި ޖެހޭ މީހުންގެ 40 އިންސައްތަ މަރުވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިއަދާއި ހަމައަށް މި ބަލި ޖެހިފައިވާ ކަމަށް ތުހުމަތުކުރެވޭ 8 މީހުން ދެނެގަނެވިފައިވާއިރު، 5 މީހުންނަށް ބަލި ޖެހިފަިއވާކަން ވަނީ ކަށަވަރުކުރެވިފައެވެ. އަދި މި ބަލި ޖެހިގެން މިހާތަނަށް 3 މީހުން ވަނީ މަރުވެފައެވެ.










