
މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މި މަހުގެ 8 ވަނަ ދުވަހު ފަށާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އާންމުގޮތެއްގައި ރާއްޖެއަށް ދެ މޫސުމެއް ތަޖުރިބާކުރަން ޖެހޭއިރު، ހުޅަނގު މޫސުން ދެމިގެންދަނީ މޭ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި އިރުވައި މޫސުމަކީ ޖެނުއަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ.
ހުޅަނގު މޫސުން ފެށުނުކަން ކަނޑައަޅަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ކަނޑައަޅާފައިވާ ހާއްސަ މިންގަނޑުތަކަކަށް ބެލުމަށްފަހު އެވެ. އޭގެ ތެރޭގައި މޭ މަހުގެ ފުރަތަމަ ދުވަހަށްފަހު ދެކުނުގެ އަތޮޅުތަކުގެ ސްޓޭޝަންތަކުގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނަ ސްޓޭޝަނަށް 2.5 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހުމާއި، ވައިގެ ބާރުމިން ހުޅަނގު ނުވަތަ ހުޅަނގު ދެކުނުން ގަޑިއަކު 10 ނޯޓަށްވުރެ ބާރުވުން ހިމެނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި، މި މިންގަނޑުތަކަށް ވިދިވިދިގެން ދެ ދުވަހު މޫސުން ދެމިހުރުމުން ހުޅަނގު މޫސުން ފެށުނީ ކަމަށް ބަލަ އެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ލަފާކުރާ ގޮތުގައި ދެކުނުން ފެށުނު ހުޅަނގު މޫސުމުގެ އަސަރުތައް މަޑުމަޑުން މެދުތެރޭގެ އަތޮޅުތަކަށް ފެތުރި، މި މަސް ނިމޭއިރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ އެވެ. އާންމުގޮތެއްގައި ހުޅަނގު މޫސުން ފެށުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ވައި ގަދަވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.
ދެ މޫސުން ގުޅޭ ވިއްސާރައިގެ އިތުރުން މިދުވަސްވަރު ރާއްޖެއަށް އަންނަނީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑަކާއި ލޯޕްރެޝަރ ޓްރަފެއްގެ އަސަރުވެސް ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި ވައިގަދަވަމުންދާއިރު، އިރުއުތުރުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އަދި މި ހަފްތާގައިވެސް ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަކުރާނެކަމަށް މެޓުން ބުނެ އެވެ.




