
އައްޑު ސިޓީއާ ގާތްގަނޑަކަށް 2،553 ކިލޯމީޓަރު ދުރަށް، އިންޑިއާ ކަނޑުގެ އަޑިއަށް ބިންހެލުމެއް އަތުވެއްޖެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 9:55 ހާއިރު ކަމަށެވެ. ރެކްޓާ މިންގަނޑުން 5.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައި ވަނީ "މިޑް އިންޑިއަން ރިޖް" ކިޔާ ސަރަހައްދަށް ކަމަށްވެއެވެ.
ޖިއޮލޮޖިކަލް ގޮތުން ނުހަނު ހަރަކާތްތެރި ސަރަހައްދަކަށް އެ ސަރަހައްދުވެފައި މިއީ އެފްރިކާގެ ޕްލޭޓާއި އިންޑޯ އޮސްޓްރޭލިއާގެ ޕްލޭޓް ވަކިވަމުންދާ ރޮނގު އޮންނަ ސަރަހައްދު ކަމަށްވާތީ، މިފަދަ ބިންހެލުންތައް އެ ސަރަހައްދަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ނުރައްކާތެރި ސަރަހައްދަކަށް ބިންހެލުން އައި ނަމަވެސް އޭގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ.
ހަމައެހެންމެ ރާއްޖެއަށް މި ބިންހެލުމުގެ ސަބަބުން ސުނާމީގެ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވެސް ނުބެލެވެއެވެ.










