May 11, 2026
Advertisement
.
. / ޕޮލިސް

ކުރިއަށް އޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސް

Yana Shareef
ޔާނާ ޝަރީފް
May 11, 2026, 08:20 PM

ކުރިއަށް އޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.

Advertisement

އެ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. މީގެ އިތުރުން މުޅި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ.

މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ފެންބޮޑުވެދާނެ ކަމަށް ބަލާ ތައްޔާރުވުމަށާއި، ވައިގަދަވާ ހާލަތުގައި އެއްލާލާފާނެ ފަދަ ތަކެތި ވައު ބޭނުންކޮށްގެން އައްސާފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved