
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑު ތުހުމަތަކާ ގުޅިގެން، ސްރީލަންކާގެ ބުޑިސްޓް ހައިރާކީގެ ނުފޫޒުގަދަ އިސް ފާދިރީއަކު މަގާމުން ސަސްޕެންޑްކޮށްފިއެވެ.
މި މައްސަލައިގައި ސަސްޕެންޑްކޮށްފައިވަނީ އުމުރުން 71 އަހަރުގެ ޕަލެގަމާ ހެމަރަތަނާ އެވެ. އޭނާ އަކީ ބުދުދީނުގެ މީހުން މުގައްދަސް ތަނެއްގެ ގޮތުގައި ބަލާ އަނޫރާދަޕޫރާގައި ހުންނަ 'ޖަޔާ ސްރީ މަހާ ބޯދީ' ފައްޅީގެ ޗީފް ކަސްޓޯޑިއަންގެ މަގާމުގައި ހުރި މީހާއެވެ. މިއީ އެ ގައުމުގެ ދީނީ އިސް ސަފުން މީހަކާ މެދު މިފަދަ ފިޔަވަޅެއް އެޅި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
ހެމަރަތަނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2022 ވަނަ އަހަރު، ވެރިރަށް ކޮލަމްބޯއާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި ހުންނަ އެ ފައްޅީގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާ މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު ހައްޔަރުކުރިއެވެ. ނަމަވެސް ބަލި ހާލަތު ހުރި ގޮތުން އޭނާ ބަންދުގައި ބަހައްޓާފައި ހުރީ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައެވެ.
ސްރީލަންކާގެ މަލްވާއްޓޭ ޗެޕްޓަރުގެ ކައުންސިލް އޮފް މޮންކްސް އިން އޭނާ ސަސްޕެންޑް ކުރަން ނިންމިކަން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ ބުދުދީނުގެ މީހުން ފާހަގަކުރާ އެންމެ ބޮޑު އެއް މުނާސަބަތު ކަމަށްވާ 'ވެސަކް' ދުވަހާ ދިމާކޮށްފައެވެ.
މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން ބުނީ، ޝިކާރައަކަށްވި ކުއްޖާގެ މަންމަ ވެސް މި ޖަރީމާ ހިންގުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހެމަރަތަނާ މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވީ ނަމަވެސް، ކޯޓުން ވަނީ އޭނާ ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައެވެ. އޭނާ އިސްވެ ހުރި ފައްޅިއަކީ ދުވާލަކު އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ، ބުދުދީނުގެ މީހުންގެ މެދުގައި ވަރަށް ބޮޑު ގަދަރެއް ދެވިފައިވާ ތަނެކެވެ.




