
ޕީޕަލްސް ނޭޝަނަލް ފަންޓް (ޕީއެންއެފް) އަށް ތާއީދު ކުރައްވާ ދެ ބޭފުޅަކު ކޯޓަށާއި ފުލުހަށް ހާޒިރުވާން އެންގުމާ ގުޅިގެން، ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރާ މެދު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސުވާލު އުފައްދަވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒް (ޕަޕާ) މިއަދު ހެނދުނު 11:00 އަށް މަދަނީ ކޯޓަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި މަސައްކަތް ކުރައްވާ ފޭދޫ ފާއިޒު މިއަދު ހެނދުނު 11:30 އަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށްވެސް މަލީހް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން މަލީހް ވިދާޅުވީ، މި ދެ ބޭފުޅުން މުއައްސަސާތަކަށް ހާޒިރުކުރަން އެންގުމުން، ރާއްޖޭގައި މިހާރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ހިސާބު ވަރަށް ބޮޑަށް ސާފުވެގެންދާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް މި ހާލަތު ބަދަލުވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންއެފް އަކީ މިހާރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ އިދިކޮޅު ސިޔާސީ ހަރަކާތެވެ. އެ ޕާޓީގެ އިސް ބޭފުޅުން ތަކުރާރުކޮށް ތުހުމަތު ކުރައްވާ ގޮތުގައި، ސަރުކާރުން ދަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކަށް ދަތިކޮށް، ފިއްތުންތައް ކުރިމަތިކުރަމުންނެވެ.




