
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ލަގަބު އަމިއްލައަށް އަޅުވައިގެން އުޅޭ އިންޑިއާގައި، ރާއްޖޭގެ ޓީވީ ޗެނަލް "ޗެނަލް 13" ބްލޮކްކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ޗެނަލް 13 ގެ ވެބްސައިޓާއި ލައިވް ފީޑް ނުލިބިގެން ކުރި ޝަކުވާތަކާ ގުޅިގެން އެ ކުންފުނިން ބެލި ބެލުމުންނެވެ.
ޗެނަލް 13 އިން މައުލޫމާތު ދޭ ގޮތުގައި، އިންޑިއާގައި އެ ޗެނަލް ބްލޮކްކޮށްފައިވަނީ އެ ގައުމުގެ ސަރުކާރުގެ އެންގުމަކަށެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި ހާދިސާ މިހެން ހިނގާފައިވާއިރު، މާޗް 28، 2024 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:53 ހާއިރު ޗެނަލް 13 ގެ ސާވާ ސިސްޓަމްތަކަށް ވަނީ ސައިބާ ހަމަލާއެއްވެސް ދީފައެވެ. މި ހަމަލާގެ ސަބަބުން ޗެނަލްގެ ލައިވް ފީޑް މެދުކެނޑި، ޓީވީ ސްކްރީންތަކުން އަޑާއި މަންޒަރު ކެނޑިގެންދިޔައެވެ. މި ސައިބާ ހަމަލާ ދީފައިވަނީ ރާއްޖެއިން ބޭރުގެ 240 އަށް ވުރެ ގިނަ އައިޕީ އެޑްރެސްތަކުން ޑީޑޮސް (DDoS) ހަމަލާތަކެއް ފޮނުވައިގެން، ސާވާގެ ބޭންޑްވިޑްތް ފުރާލައި ސިސްޓަމްތައް ބްލޮކްކޮށްލައިގެންނެވެ.
މީގެ އިތުރުން، މި ހަމަލާގެ ތެރެއިން 4 ރޭޑިއޯ ފްރީކުއެންސީއެއް ސިގްނަލް ޖޭމްކޮށްގެން ހިފަހައްޓާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އިންޑިއާގެ މޯދީ ސަރުކާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑަށް ބަރޯސާވާ އަދި ގާތް ގުޅުމެއް ބާއްވާ ސަރުކާރަށް ވާއިރު، ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ހަގީގަތްތައް ޗެނަލް 13 އިން ހާމަކުރަމުންދާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން އިންޑިއާއިން މިފަދަ ފިޔަވަޅެއް އެޅީ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ކުރިމަތީގައި ޑިމޮކްރަސީގެ ނަމޫނާ ގައުމެއްގެ ގޮތުގައި އިންޑިއާ ދެއްކެން މަސައްކަތް ކުރި ނަމަވެސް، މިފަދަ އަމަލުތަކުގެ ސަބަބުން އެ ގައުމުގެ އަސްލު ސޫރަ ހާމަވަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.




